ސިލިންޑަރުގެ އޮޑިޓަކީ ޒާތީ އެއްޗެއް ނޫން: އެސްޓީއޯ އޮޑިޓް ކޮމިޓީ
ސިލިންޑަރުގެ އޮޑިޓަކީ ޒާތީ އެއްޗެއް ނޫން: އެސްޓީއޯ އޮޑިޓް ކޮމިޓީ

މޯލްޑިވް ގޭސް އިން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ހެދި އޮޑިޓް ރިޕޯޓަކީ އެއްވެސް ނުފޫޒެއް އޮވެގެން، އަދި ޒާތީ ގޮތުން ވެސް ހެދި އޮޑިޓެއް ނޫން ކަމަށް މޯލްޑިވްސް ގޭސްގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ އޮޑިޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އިކްރާމްގެ މައްޗަށެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމުން އޭނާ މަޖިލީހަށް ވަޑައިގެން ވަނީ އެ ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އަދި އެސްޓީއޯގެ އޮޑިޓް ކޮމިޓީން ހެދި އޮޑިޓް ރިޕޯޓަކީ ޒާތީ ވެގެން ހަދާފައިވާ ރިޕޯޓެއް ކަމަށާއި އޭނާ ފްރޭމް ކޮށްފައިވާ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް، (އެސްއޯއީ) ކޮމިޓީން މިއަދު ވަނީ އެސްޓީއޯގެ އޮޑިޓް ކޮމިޓީގެ މެންބަރުންނާ ވެސް އެ މައްސަލައިގައި ސުވާލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮޑިޓް ކޮމިޓީގެ ޗެއާމަން ސިމާދު އިބްރާހިމް ވިދާޅުވީ ކޮވިޑާ ގުޅިގެން އެސްޓީއޯ އަށް ސިއްހީ ދާއިރާއާ ގުޅުން ހުރި ގިނަ ޕްރޮކިއުމަންޓްތަކެއް އަންނަން ފެށުމުން އޮޑިޓްތައް ހަދަން ފަށާފައިވާ ކަމަށެވެ. އަދި މޯލްޑިވް ގޭސްގެ ސިލިންޑަރުތަކުގެ މައްސަލަ ފާހަގަވީ ސޯޝަލް މީޑިއާ އިން ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ވެސް އޮޑިޓެއް ހަދާފައިވާ ކަމަށް ސިމާދު ވިދާޅުވި އެވެ.

އެ މައްސަލަ ބެލުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އައިސްފައި ނުވާ ކަމަށާއި ކޮމިޓީގެ އެއްވެސް މެންބަރަކަށް އެއްވެސް ފަރާތަކުން ގުޅައި، ނުފޫޒެއް ފޯރުވަން މަސައްކަތް ކޮށްފައި ވެސް ނުވާ ކަމަށް ސިމާދު ވިދާޅުވި އެވެ.

"މި އޮޑިޓަކީ އެއްވެސް ނުފޫޒެއް އޮވެގެން ކޮށްފައި އޮތް އޮޑިޓެއް ނޫން. ހަމައެކަނި ޝެއާ ހޯލްޑާޒް އިންޓްރަސްޓް ޕްރޮޓެކްޓް ކުރުމަށާއި އެސްޓީއޯ އާ ދޭތެރޭ މީހުން ދެކޭ ގޮތް ރަނގަޅަށް ބޭއްވުމަށާއި ރައްޔިތުންނާ ގުޅުން ހުރި ކަމަކަށްވާތީ ކުރި އޮޑިޓެއް މިއީ،" ސިމާދު ވިދާޅުވި އެވެ.

އޮޑިޓް ޑިޕާޓްމަންޓްތައް ވީހާ ވެސް މިނިވަންކޮށް ބޭއްވުމަށް އަބަދުވެސް މަސައްކަތް ކޮށްފައިވާ ކަމަށް ސިމާދު ވިދާޅުވި އެވެ. އެގޮތުން އެ ޑިޕާޓްމަންޓަށް ވަސީލަތްތައް ފޯރުކޮށްދިނުމާއި މުއައްޒަފުން ހޯދުން ފަދަ ކަންކަމަށް މެނޭޖްމަންޓަށް ފާޑު ނުކިޔޭނެ ކަމަށާއި އޮޑިޓްތައް ލީޑް ކުރައްވާނީ ކޮން އޮޑިޓަރެއްތޯ ނިންމާނީ ސީދާ ޗީފް އިންޓާނަލް އޮޑިޓާ ކަމަށް ވެސް ސިމާދު ވިދާޅުވި އެވެ.

- ހަ ކުންފުންޏަކަށް ކޯޓޭޝަން ހޯދަން ހުށަހެޅީ 4،128 އޮކްސިލިންޑަރު ގަތުމަށް.

- އޭގެތެރެއިން 3،000 ސިލިންޑަރު ގަތުމަށް ހަވާލުކުރީ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏާ.

- އެ ކުންފުނީގެ ހިއްސާދާރަކާ އެކީގައި ޑީއެމްޑީ އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރެއްވި.

- އެ ދަތުރުގައި ދެކޮޅު ޓިކެޓަށް ފައިސާ ދެއްކީ އޮކްސިޖަން ސިލިންޑަރު ގަންނަން ހަވާލުކުރި ކުންފުނީގެ ހިއްސާދާރު.

- އޮކްސިޖަން ސިލިންޑަރުގެ ވިޔަފާރީގައި އުޅޭ ކުންފުންޏަކަށް ނުވާތީ ޕްރޮކިއުމެންޓް މެނޭޖަރު ދެކޮޅު ހެދުމުން އޭނާ ބަދަލުކުރި.

އެ މައްސަލައާ ބެހޭ ގޮތުން އޮޑިޓް ކޮމިޓީން ފާހަގަކުރި އެއް ކަމަކީ ގޭސް ސިލިންޑަރުތައް ގަތުމަށް ހުޅުވާލި އިރު އެއްވެސް ޑެޑްލައިނެއް ކަނޑަ ނާޅާ، "ވީހާ ވެސް އަވަހަކަށް" ޖަހާފައި އޮތުމެވެ. އެއީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ކަމަށް ސިމާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ލަންކާ އާއި ރާއްޖެ ދޭތެރޭ ދަތުރުތައް ކުރަމުން ދިޔައިރު ވެސް ލަންކާ ކުންފުންޏެއް ކަމަށްވާ ސެންޓްރަލް ޓްރޭޑުން އަގު ހެޔޮކޮށް އަދި އެއާފްރައިޓް ވެސް ކޮށްދޭ ގޮތަށް ހުށަހަޅާފައި އޮތް އިރު އެ ފަރާތަށް ހަވާލު ކުރަން ކޮންސިޑާ ކޮށްފައި ނެތް ކަމަށް ސިމާދު ވިދާޅުވި އެވެ.

އާ ސިލިންޑަރުތައް ފޮނުވަން އެދުމުން ސިންގަޕޫރުގެ ކުންފުނިން ފޮނުވާފައި ހުރީ ވެސް ބާ ސިލިންޑަރުތަކެވެ. އެތަކެތި ފޮނުވީ ސާވިސްކޮށްފައި، ބޭރުގައި ކުލަލައި ރީތިކޮށްފަ އެވެ.

ސިމާދު ވިދާޅުވީ ކޮލިޓީ ސެޓްފިކެޓްތައް ފަހުން ލިބުނު އިރު އެއް ކުންފުނީގެ ކޮލިޓީ ސެޓްފިކެޓާއި ޕްރޯ ބިޒްގެ ކޮލިޓީ ސެޓްފިކެޓް އެއް ފޮންޓެއްގައި، އެއް އަކުރުތަކެއް އަދި އެއް ބަސްމަގެއް ބޭނުންކޮށްފައި ހުރި ކަމަށެވެ. އަދި އެ ދެ ކުންފުނިން ވެސް ފޮނުވި ކޮލިޓީ ސެޓްފިކެޓް ހަދާފައި ވަނީ އެއް އޯތާ އަކުން ކަން ވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮލިޓީ ސެޓްފިކެޓް އަންނަން ޖެހޭނީ ކޮންމެވެސް ލެބަކުން. ނަމަވެސް މި ކޭސްގައި އޮތީ މުޅިން އެކައްޗެއް ހަމައެކަނި ނަން ތަފާތުކޮށްލައިފައި،" ސިމާދު ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގައި އާއްމުވި މައުލޫމާތުން ކޮށްފައިވާ އެންމެ ބޮޑު ތުހުމަތަކީ އޮކްސިޖަން ސިލިންޑަރުތައް ގަތުމަށް އެ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އިތުރު މީހަކާ އެކުގައި އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރެއްވުމެވެ. ޑީއެމްޑީގެ ދަތުރަށް ދިވެއްސަކު ފައިސާ ދައްކާފައިވާ އިރު އެ މީހާ އަކީ ސިންގަޕޫރުގެ ޕްރޯބިޒް ކުންފުނީގެ ހިއްސާ އޮންނަ ޑައިރެކްޓަރެކެވެ.