ހަކުރުބަލީގެ ދުވަސް: ޓެސްޓް ހަދަމާ! ހާލަތު ދެނެގަތުން މުހިންމު
ހަކުރުބަލީގެ ދުވަސް: ޓެސްޓް ހަދަމާ! ހާލަތު ދެނެގަތުން މުހިންމު

މިއަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ހަކުރުބަލީގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރު 14، ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހަކުރުބައްޔާ މެދު މައުލޫމާތު އިތުރުކުރުމަށާއި ބަލިން ރައްކާތެރިވެ ތިބުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު ހޭލުންތެރިކަން ބޮޑުކުރުމުގެ މަގުސަދުގަ އެވެ. މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހުކުރުބައްޔަށް ނަޒަރެއް" އެވެ.

ހަކުރުބަލީގެ ދުވަސް: ޓެސްޓް ހަދަމާ! ހާލަތު ދެނެގަތުން މުހިންމު
ހަކުރުބަލީގެ ދުވަސް: ޓެސްޓް ހަދަމާ! ހާލަތު ދެނެގަތުން މުހިންމު

އިންޓަނޭޝަނަލް ޑައަބީޓިސް ފެޑެރޭޝަން އިން ލަފާކުރާ ގޮތުގައި 2015 ގައި މުޅި ދުނިޔޭގައި ހަކުރުބަލި ޖެހިފައިވާ 415 މިލިޔަން ބޮޑެތި މީހުން ތިއްބެވެ. އެއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ބަލާ ނަމަ، ކޮންމެ 11 މީހަކުން އެކެކެވެ. އަދި މި އަދަދު 2040 އަންނަން ވާ އިރަށް 642 މިލިއަނަށް (ކޮންމެ 10 މީހަކުން އެކަކު) އިތުރު ވާނެ އެވެ. މީގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަށް އެ ބަލި ޖެހިފައިވާކަމެއް ނޭނގެ އެވެ. ހަކުރު ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ދުނިޔޭގައި ކޮންމެ ހަ ސިކުންތަކުން މީހަކު މަރުވާ ކަމަށް އަންދާޒާތަކުން ދައްކަ އެވެ.

މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމަކީ ބަނޑުގައިވާ ދަރިފުޅަށް އަސަރު ކުރުމުގެ އިތުރުން، އޭގެ ފަހުން ހަކުރުބަލި ޖެހުމުގެ ފުރުސަތު އެތައް ގުނައެއް އިތުރުވާ ކަމެކެވެ. އަދި ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތައް އިތުރުވުމާއި އޮޕަރޭޝަން ކޮށްގެން ވިއްސަން ޖެހޭ ނިސްބަތް ހަކުރުބަލީގެ ސަބަބުން އެތައް ގުނައަކަށް މަތިވެ އެވެ. މިއަދު ވެސް ދުނިޔޭގައި، މާބަނޑު އަންހެނުންގެ ތެރެއިން ކޮންމެ ހަތް މީހަކުން އެކަކަށް މި މައްސަލައާ ކުރިމަތިލާން ޖެހިފައިވެ އެވެ. ދިވެހިރާއްޖޭގައި ވެސް މި ނިސްބަތް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ހަކުރުބަލީގެ އާބާދީގެ ހަތަރު ބައިކުޅަ ތިން ބައި ދިރިއުޅެނީ ތަރައްގީވަމުން އަންނަ ގައުމުތަކާއި މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގަ އެވެ. އަދި މި ނިސްބަތް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މިއީ ގައުމުތަކުގެ އިގްތިސާދަށް ވެސް އޭގެ ނުރަނގަޅު އަސަރުތައް ކުރަމުންދާ ކަމެކެވެ. ތަރައްގީ އަށް ހުރަސް އެޅުމުގެ އިތުރުން ހަކުރުބައްޔަށް ފަރުވާ ކުރަން އެތައް ބިލިޔަން ޑޮލަރެއް ޚަރަދު ކުރަން ޖެހިފަައިވެ އެވެ. މުޅި ދުނިޔޭގެ ނިސްބަތުން ވެސް ސިއްހަތަށް ހޭދަކުރާ މިންވަރުގެ 12 ޕަސަންޓް މިހާރު ވެސް ހޭދަކުރަނީ ހަކުރުބައްޔާއި އެބަލިން ދިމާވާ މައްސަލަތަކަށް ފަރުވާ ކުރުމަށެވެ. މިދިޔަ 2015 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއީ 673 ބިލިޔަން ޑޮލަރެވެ.

ހަށިގަނޑުގައި ހަކުރުގެ މިންވަރު މައްޗަށް ދިޔަ ކަމަށް ވިޔަސް އެއްވެސް އަލާމާތެއް ނުފެނި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް "ޓައިޕް 2" ޑައިބީޓިސް ގަ އެވެ. ނަމަވެސް ހަކުރު މަތިކޮށް ހުރެ ވޭތުވާ ކޮންމެ ދުވަހެއްގައި ވެސް ހަށިގަނޑުގެ ގުނަވަންތަކަށް އޭގެ އަސަރު ކުރާނެ އެވެ. ދުނިޔޭގައި މިވަގުތު ތިބި ހަކުރުބަލީގެ ބަލި މީހުންގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުން (93 މިލިއަން މީހުން)ގެ ލޮލުގެ ފެނުމަށް ކޮންމެވެސް ކަހަލަ އަސަރެއް މިހާރު ވެސް ކޮށްފައިވާ ކަމަށް ބެލެވެ އެވެ. އެހެންކަމުން، ހަކުރުބައްޔަށް ޓެސްޓުކޮށް ބަލި ހުރި ކަން އެނގިއްޖެ ނަމަ އަވަހަށް ހަކުރު ދަށް ކުރުމަކީ ލޯ އަނދިރިވުން، ގުރުދާ (ކިޑްނީ) ފެއިލްވުން، ފައި ބުރިކޮށްލަން ޖެހުން އަދި ހިތުގެ މައްސަލަތަކުން ރައްކާތެރިވާން ކުރުން މުހިއްމު ކަމެކެވެ.

ކުޑަކުދިންގެ މެދުގައި އެންމެ އާންމު ވައްތަރަކީ "ޓައިޕް 1" ޑައިބީޓިސް ކަމަށް ވިޔަސް، ކެއުމުގެ އާދަތަކަށް އައި ބަދަލާއި އެ ކުދިންގެ މެދުގައި ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން، "ޓައިޕް 2" ޑައިބީޓިސް ޖެހޭ ކުދިންގެ ނިސްބަތް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށް ސިއްހީ އެކިއެކި ޖަމާއަތްތަކުން މިހާރު ވެސް ލަފާކުރެ އެވެ. އަދި ސިއްހީ އެތައް މައްސަލަތަކަކަށް މަގު ފަހިވެގެންދާ ފަދަ މުޅި މުޖުތަމައުގެ ސިއްހީ މައްސަލައަކަށް މިކަން ވެގެންދާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.

ބޮޑެތި މީހުންގެ މެދުގައި ވެސް އަށަގަނެފައިވާ އަދި އަށަގަންނަމުންދާ ނުރަނގަޅު އާދަތަކުގެ ސަބަބުން ހަކުރުބަލި ޖެހުމަށް މަގު ފަހިވަމުން ދިއުމުގެ ކަންބޮޑުވުން ކޮންމެ ގައުމަކަށް ވެސް އެބަ އޮތެވެ. އާބާދީގެ ގިނަ ބަޔަކު އާދަޔާ ޚިލާފަށް ފަލަވުމުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ވަނީ މަތިވެފަ އެވެ.

ދިރިއުޅުމުގެ ވައްޓަފާޅި އަށް އައި އެހެނިހެން ބަދަލުތަކާ އެކު ހަކުރުބަލި ޖެހެން މަގުފަހިވާ އެތައް ކަމެއް މުޖުތަމައުގައި ވަނީ އަށަގަނެފަ އެވެ. ކެއުމާއި ކާ އެއްޗިއްސަށް އައި ބަދަލުތަކާއި މާހައުލަށް އައި ބަދަލުތަކެވެ. ކޮންމެ މީހަކު ވެސް މިއަދު އުޅެން ޖެހިފައިވަނީ ކޮންމެވެސް ހާސްކަމެއްގެ ތެރޭގަ އެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ހަރަކާތްތެރިވެ އުޅެވޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ހިނގައްޖެ އެވެ.

ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުމުގެ އިތުރުން ދުޅަހެޔޮ އާދަތަކެއް އަށަގެންނެވިއްޖެ ނަމަ ހަކުރުބަލީގެ ތެރެއިން "ޓައިޕް 2" ޑައިބީޓިސް ޖެހޭ މީހުންގެ އަދަދު 70 ޕަސަންޓް ދަށް ކުރެވިދާނެ އެވެ. މިހާރުގެ ނުރަނގަޅު އާދަތައް ދޫކޮށްލައި ސިއްހީ ގޮތުން ފައިދާ ކުރަނިވި އާދަތަކެއްގައި ހިފަން ވެއްޖެ އެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއި ހަރަކާތްތެރިކަން ނުވަތަ ކަސްރަތު ކުރުން ފަދަ ކަންތައް އިތުރުކޮށް ސިނގިރެޓް ބުއިން ފަދަ، ހަށިގަނޑަށް ގެއްލުން ލިބޭ ކަންތައްތައް ދޫކޮށްލަން ޖެހިއްޖެ އެވެ.

ހަކުރުބައްޔަށް ޓެސްޓްކޮށް ބަލީގެ އަސަރު ހަށިގަނޑުގައި ހުރި ނަމަ، އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުން މުހިއްމު ކަމަށް ބަލިގަންނާށެވެ. ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެ މައްސަލަތައް ދެނެގަތުމަށް ކުރާ ތަހުލީލުތައް ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ގަވައިދުން ކުރެވޭތޯ ބަލާށެވެ. ހަކުރުބަލި ހުންނަ މީހުން ގަވައިދުން ލޯ ޗެކް ކުރާށެވެ.

އަވަހަށް މައްސަލަ ދެނެގަނެވި ފަރުވާ ކުރަން ފެށިއްޖެ ނަމަ ލޮލުގެ ފެނުމުން މަޙުރޫމްވުން ދުރު ކުރެވިދާނެ އެވެ. އެގޮތުން ތިމާ އާއި ތިމާ ބަލަން ޖެހިފައިވާ މީހުންނާއި މުޅި މުޖުތަމައަށް އެކަމުގެ ފައިދާ ކުރާނެ އެވެ. އެހެންކަމުން ހަކުރު މަތިކޮށް ހުރެ އެންމެ ދުވަހެއް ވެސް ވޭތުވިޔަ ނުދޭށެވެ. ހަކުރު އާދައިގެ މިންގަނޑެއްގައި ބެހެއްޓިއްޖެ ނަމަ ހަކުރުބަލީގެ އެތައް މައްސަލައަކުން ދުރު ވެވިދާނެކަން ހަނދާން ކުރާށެވެ.

ޑރ. މޫސާ މުރާދަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިންގެ މަގާމުގައި ހުންނެވި ތަޖުރިބާކާރު ޑޮކްޓަރެކެވެ.