16 މާޗް 2021 - 08:17

މި އަހަރު ރިލީޒްކުރާ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ގެ ޓީޒާ އާންމުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ބަތަލާ އާލިއާ ބަޓް، މި އަހަރުގެ ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އާރްއާރްއާރް" އިން ފެންނާނެ ގޮތް ދައްކާލައިފި އެވެ.
މި އަހަރުގެ އޮކްޓޯބަރު 13 ގައި ރިލީޒްކުރާ ފިލްމުން އާލިއާ ފެންނާނެ ގޮތް ހޯމަ ދުވަހު ދައްކައިލީ އޭނާގެ 28 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.
އާލިއާގެ ފަސްޓްލުކް ދައްކައިލުމާ އެކު ފިލްމު އިންޑަސްޓްރީގެ މީހުންނާއި ފޭނުން ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ.
"އާރްއާރްއާރް" އަކީ "ބާހްބަލީ" ގެ ފިލްމުތައް ގެނެސްދިން އެސްއެސް ރާޖަމޯލީގެ ފިލްމެކެވެ. އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ބަތަލުންގެ ރޯލުން ފެންނާނެ މި ފިލްމަކީ 1920 ގެ ތެރޭގައި ހިނގާ ބޮޑު ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭނެ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. ފިލްމަށް ނަން ދީފައި ވަނީ މީގެ ޕްލޮޓް ސިފަކޮށްދޭ ރައިޒް/ރޯރް/ރިވޯލްޓް (އާރްއާރްއާރް) އިންނެވެ.
"އާރްއާރްއާރް" ގެ ބަތަލާގެ ރޯލުން އާލިއާ ފެނުނަސް އޭނާގެ ރޯލު ފިލްމު މާ ދިގު ނުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އޭނާ ކުޅެފައިވާ ސީތާގެ ކެރެކްޓާ އަކީ ވާހަކައިގެ ވަރަށް މުހިއްމު ހިސާބަކުން އަންނާނެ ވަރަށް ވަރުގަދަ ކެރެކްޓާއަކަށް ވާނެ އެވެ.
މި ފިލްމުގެ ކާސްޓްގައި އަޖޭ ދޭވްގަން ވެސް ހިމެނޭ އިރު، އޭނާގެ އަންހެނުންގެ ރޯލުން ޝްރިޔާ ސަރަން ފެންނާނެ އެވެ. ޝްރިޔާ އާއި އަޖޭ 2015 ގެ "ދުރިޝަމް" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
"އާރްއާރްއާރް" އިން އާލިއާގެ ކެރެކްޓާ ފެންނާނެ ގޮތް ދައްކައިލި އިރު މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރާމް ޗަރަން އާއި އެންޓީއާރް ފެންނާނެ ގޮތް ވެސް ސްޓިލް/މޯޝަން ޕޯސްޓަރުތަކުން ދައްކާލައިފަ އެވެ. ގިނަ ބަޔަކު ދެން އެންމެ ބޮޑަށް އިންތިޒާރުކުރާނީ އަޖޭގެ ލުކް ދައްކައިލާނެ އިރަކަށެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް "އާރްއާރްއާރް" އަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (55.02 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. އިންޑިއާގެ ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފިލްމަކީ "ބާހްބަލީ" ގޮތަށް އަނެއްކާ ވެސް އެ ގައުމުގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދާނެ ފިލްމެކެވެ.