15 މާޗް 2021 - 12:23

ކޮވިޑު ވެކްސިން ޖަހަން ދަމާލާފައިވާ ދިގު ކިއުތަކުގައި ގައިދުރުކަން ނުބެހުއްޓުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ވެކްސިން ޖަހަން ބޭނުން މީހުން ގިނަވެ، ދިގު ކިއޫތަކެއް އުފެދުނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނެ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރެއްވުމާ އެކު އެވެ. މި ފަހުން ކޮންމެ ދުވަހަކު ވެސް ވެކްސިން ސެންޓަރުތަކުގައި ކިއޫތައް ދިގެވެ. އެކަމަކު ކިއޫތަކުގައި މީހުން ތިބެނީ އެކަކު އަނެކަކާ ޖެހި ފިތިގެންނެވެ.

މާލޭގައި އަށް ސެންޓަރަކުން އަންނަނީ ވެކްސިން ޖަހަމުންނެވެ.

އެކަމަށް ފާޑުވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ވެކްސިން ކިއުގެ ފޮޓޯއަކާ އެކު، ޓްވިޓާގައި ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑްގެ އެ ކިއުތަކުން އެޗްޕީއޭއަށް ނުފެންނާތީ އަޖައިބުވާ ކަމަށެވެ.

"މި ހާލަތަށް ދިއުމުން އެޗްޕީއޭގެ ކަންކަން މިހާރު މިނިވަން ނޫންކަން ގަބޫލުކުރަން ޖެހޭ،" މާވަށު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ޓްވީޓު ކުރެއްވި ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލިސް ދޮށުގައި ތޮއްޖެހި، ފިތިބާރުވެގެން ކިއު ހަދާލާފައި އޮތް ކިއު އެވެ. އެހެން ސެންޓަރުތައް ވެސް އޮތީ ހަމަ އެ ހާލަތުގަ އެވެ.

ވެކްސިންގެ ކޮޅު ނުފެންނަ ދިގު ކިއުތައް ހިމަނައިގެން "މިހާރު"ން ހެދި ފޮޓޯ ގެލެރީ ޝެއާކުރައްވަމުން ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ އެއީ ހަލުއިކަމާ އެކު ބަލި ފެތުރުމުގެ ފުރުސަތު އޮތް ތަނެއް ކަމަށެވެ. ގައިދުރުކަން ނެތި އެގޮތަށް މީހުން ތިބޭ ތިބުމުގެ ނަތީޖާ 14 ދުވަސް ފަހުން އެނގޭނެ ކަމަށް ވެސް އޭނާ ލިއުއްވި އެވެ.
އެހެން ބައެއް މީހުންގެ ޓްވީޓްތަކުގައި އިޝާރަތްކުރީ ދިވެހިންގެ އާންމު އުސޫލު ކަމަށް ވާ "ފަހު ވަގުތާ ޖެހެންދެން ތިބުމު"ގެ އާދައަށެވެ. ބައެއް މީހުން ބުނި ގޮތުގައި މި ފަހަކާ ޖެހެންދެން ވެކްސިން ސެންޓަރުތައް އޮތީ ހުހަށެވެ.
"ޓިޕިކަލް ދިވެހިން. އެންމެ ފަހު ވަގުތު އުޅޭނީ. ދެން ކިޔާނީ އިންތިޒާމް ކަޑައޭ،" އާންމު މީހެއްގެ ޓްވީޓުގައި ބުންޏެވެ.
މިހާރުގެ ދިގު ކިއޫތަކުގައި މާލޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ވަރަށް ގިނަ އަދަދަކަށް ހިމެނެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭގައި އުޅޭ އެންމެންގެ ގަޔަށް ހިލޭ ވެކްސިން ޖަހައިދޭށެވެ. ރޭ އެޗުޕީއޭއިން ބުނީ ވެކްސިން ޖަހަން ޖެހޭ އުމުރުގެ 49 ޕަސެންޓް މީހުންނަށް ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަތީ މިންވަރެކެވެ.
ފުރަތަމަ ޑޯޒް ޖެހުމުގެ ފަހު ދުވަހަކީ މިއަދުކަން ހެލްތު މިނިސްޓަރު ނަސީމް އިއުލާންކުރެއްވިޔަސް، މިއަދަށް ފަހު ވެސް އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުންނާއި ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުންނާއި ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި މާލެއިން ދަތުރުކޮށް ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށް، ފުރަތަމަ ޑޯޒް ދިނުން ކުރިއަށް ދާނެ އެވެ.