15 މާޗް 2021 - 11:35

ކޮވިޑް-19 އިން ދިފާއުވުމަށް ބޭނުންވާ ވެކްސިންގެ އިތުރު ޑޯޒް ލިބުމުން ފުރަތަމަ ބުރަށް ހުޅުވާލާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާބާދީގެ ގިނަ ބަޔަކަށް ވެކްސިން ޖަހައިގެން ނޫނީ އެ ބަލިން އެންމެން ރައްކާތެރި ނުވާނެ ކަމަށެވެ. އެހެންވެ، ވެކްސިން ޖެހުން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ވެކްސިން މި ވަގުތު ފަސްޓް ޑޯޒް ނުޖެހި ތިބި މީހުންނަށް ވެސް އިތުރު ވެކްސިން ލިބުމާ އެކު އަޅުގަނޑުމެން ދެން ހުޅުވާލެވިގެންދާއިރު އެ ޕްލޭނުގައި އަޅުގަނޑުމެން ހާމަކުރާނަން އެ ބޭފުޅުންނަށް ކޮބައިތޯ އޮތްގޮތަކީ. އެ ބޭފުޅުންނަށް ވެސް އަދި އިތުރު ވެކްސިން ލިބުނީމަ ޖަހާގޮތަށް މި އޮތީ. އަޅުގަނޑުމެން އާބާދީގެ ގިނަ ބަޔަކަށް ވެކްސިން ޖެހިގެން ނޫނިއްޔާ މި ބަލިން އެންމެން ރައްކާތެރިއެއް ނުވާނެ. އެހެންވީމަ، އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ހަލުއިކަމާއެކު ފެތުރެމުންދާ ބަލިން ރައްކާތެރިވުމަށް މިއަދަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭ އެންމެ ފަހު ދުވަހެވެ. އެއަށްފަހު، އަންނަ މަހު ފަށަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާށެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލަން ނިންމިއިރު، ރާއްޖޭގައި ބޭނުންކުރަން މި ވަގުތު ހުރީ މަދު ޑޯޒް ކޮޅެކެވެ.
އިންޑިއާ ސަރުކާރާއި ކޮވެކްސް ފެސިލިޓީގެ ދަށުން 212،000 ކޮވިޝީލްޑް ވެކްސިން ލިބިފައި ވެ އެވެ. އިއްޔެއާ ހަމައަށް 206،114 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާތީ މިހާރު ބާކީ ހުރީ 5،886 ޑޯޒެވެ.
ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ ފެސިލިޓީގެ ދަށުން 108،000 ޑޯޒް ރާއްޖެ އަށް ލިބޭނެ އެވެ. ކޮވެކްސް މިހާތަނަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 12،000 ޑޯޒެވެ. އޭގެ ބާކީ ބަޔާއި ފައިޒާ ވެކްސިންގެ 5،850 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް ޑރ. ނަޒްލާ ރޭ ވިދާޅުވި އެވެ.