މިއަންމާގެ ބަޣާވާތާ ދެކޮޅު އެތައް ބަޔަކު މަރާލައިފި
މިއަންމާގެ ބަޣާވާތާ ދެކޮޅު އެތައް ބަޔަކު މަރާލައިފި

މިއަންމާގެ ވެރިކަން ބަޣާވާތަތުން ވައްޓާލައި ގައުމުގެ ކޮންޓްރޯލް ނަގައިގެން އުޅޭ އަސްކަރިއްޔާއާ ދެކޮޅަށް މަގުތަކަށް ނުކުތް މީހުންގެ ތެރެއިން އަނެއްކާވެސް އެތައް ބަޔަކު މަރާލައިފި އެވެ.

މުޒާހަރާ ރާވާ އެކްޓިވިސްޓުން ބުނީ އިއްޔެ އެކަނި ވެސް މުޒާހަރާގެ ތެރެއިން 38 މީހަކު މަރާލާފައިވާ ކަމަށެވެ.

މީހުން މަރުވީ މިއަންމާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔަންގޫންގައި ކުރި މުޒާހަރާއެއް ރޫޅާލަށް ބަޑި ޖެހުމުންނެވެ. މުޒާހަރާގެ ބައިވެރިން ވެސް ދަނޑިބުރި އާއި ވަޅި ފަދަ ތަކެތިން ހަމަލާދޭން މަސައްކަތްކުރި ކަމަށްވެ އެވެ.

ލޭއޮހޮރުވުން އިތުރުވީ މިއަންމާގެ އަސްކަރިއްޔާ އަށް ޗައިނާ އިން އެހީވާ ކަމަށް ތުހުމަތުކޮށް،، ޗައިނާގެ ވިޔަފާރިކުރާ ތަންތަނަށް ހަމަލާދީ ގެއްލުންދޭން ފެށުމާ އެކުގަ އެވެ. އެކަމަކު އެ ގެއްލުންތައް ދިނީ މުޒާހަރާގެ ބައިވެރިންކަމެއް ނޭނގެ އެވެ.

ހަމަނުޖެހުން ހިންގި ސަރަހައްދުގައި ވަނީ މާޝަލް ލޯ ހިންގައިފަ އެވެ. މުޒާހަރާ ކުރާ މީހުން ބުނި ގޮތުގައި ޗައިނާ އިން ދަނީ މިއަންމާގެ ބަޣާވާތުގެ ސަރުކާރަށް ވާގިވެރިވަމުންނެވެ. ޗައިނާ އެމްބަސީން ބުނީ 10 ފެކްޓަރީއެއް ލޫޓުވާލާފައިވާ ކަމަށެވެ.

މިއަންމާގެ ވެރިކަން ފެބްރުއަރީ 1 ގައި ވައްޓާލި ފަހުން އެ ގައުމުގެ ހާލަތު ވަރަށް ވަރަށް ގޯސްވެފަ އެވެ. އަސްކަރިއްޔާއާ ދެކޮޅަށް އާންމުންގެ އެތައް ބަޔަކު ނުކުމެ ކޮންމެ ދުވަހަކު އަންނަނީ މުޒާހަރާކުރަމުންނެވެ.

އަސްކަރިއްޔާ އިން ވެރިކަން ވައްޓާލުމަށް ފަހު ވަނީ މަދަނީ ލީޑަރެއްގެ ގޮތުގައި ހޮވާފައި ހުރި، ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ގެ ލީޑަރު އައުން ސަން ސޫ ޗީ ވެސް ހައްޔަރުކޮށް ދައުވާކޮށްފަ އެވެ. ސިފައިން މިދިޔަ ހަފުތާގައި ވަނީ ސޫކީ 600،000 ޑޮލަރާއި 11 ކިލޯގެ ރަން ނަގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ސޫކީ ބަންދުކޮށްފައި ހުރި ތަނެއް ނޭނގެ އެވެ.