15 މާޗް 2021 - 09:34

މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) އާއި އަބްދުﷲ ޖުނައިދު (ޖެންނޭ) މި ސީޒަނުގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެއްޖެ އެވެ.
މާޒިޔާ އިން ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން އެ ދެ ކުޅުންތެރިން ދޫކޮށްލީ ސީޒަނުގެ ބާކީ ބައިގައި ކުޅުމުގެ ފުރުސަތު ގިނައިން ހޯދައިދެވޭނެ ކްލަބަކަށް ދިނުމުގެ ގޮތުން ކަމަށެވެ.
ކުރިން ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް އިން ފެނުނު ގައުމީ ޓީމުގައި ވެސް ހިމެނޭ ވާތު ބެކް މުޖޭ މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. އެ ޓީމުގައި ހޭދަކުރި ފުރަތަމަ އަހަރުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މިދިޔަ ސީޒަނުން ފެށިގެން އަނިޔާގެ މައްސަލަތަކާ ހެދި މުޖޭ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. މި ސީޒަނުގައި ވެސް މުޖޭ ގިނަ މެޗުތަކުގައި ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން ފެނުނު ޖެންނޭ ވަނީ ޔޫތު މުބާރާތުގައި މާޒިޔާ ޓީމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން މިޑްފީލްޑަރު ޖެންނޭ އަށް މާޒިޔާގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ މިހާތަނަށް މަދު މެޗަކުންނެވެ. ގިނަ މެޗުތަކެއްގައި އޭނާ ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ މި ސީޒަނުގައި ސަސް އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ސަސް އިން ފުރަތަމަ މި ސީޒަނަށް ނުކުތް ނަމަވެސް މިހާރު އެ ޓީމުގެ ކޯޗަކަށް ހުރީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
މިއަދުގެ ނިޔަލަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް ހުޅުވިފައިވާއިރު، މާޒިޔާ އިން ވަނީ އެ ޓީމުގެ ގިނަ ބިދޭސީ ކުޅުންތެރިން ބަދަލުކޮށްފަ އެވެ. މާޒިޔާ އިން ގެނައި ބިދޭސީ ކުޅުންތެރިންނަކީ ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ އާއި ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް އެވެ. މަހުމޫދު ވަނީ މީގެ ކުރިން 2017 ވަނަ އަހަރު މާޒިޔާ އަށް ކުޅެފަ އެވެ. އެނގިފައިވާ ގޮތުގައި މާޒިޔާ އިން އަދި އެއް ބިދޭސީ ކުޅުންތެރިއަކު ގެންނަން ވަނީ ނިންމައިފަ އެވެ. ކުރިން ވެސް އެ ޓީމުން ފެނުނު ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެ ޓީމުގައި މަޑުކުރާނެ އެވެ.
މާޒިޔާ އިން ޓީމު ވަރުގަދަކުރާ އެންމެ ބޮޑު ސަބަބަކީ އަންނަ މެއި މަހު ކުޅެން ޖެހޭ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ނިންމާފައިވާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭގަ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމުން އަންނަނީ މި މަސް ތެރޭ އަލުން ލީގު ފެށޭތޯ މަސައްކަތްކުރަމުންނެވެ.