15 މާޗް 2021 - 08:55

ޕެރިސް (މާޗް 15) - ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނޯންޓެސް އަތުން 2-1 އިން ބަލިވެ ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ނަގާލައިފި އެވެ.
ލީގުގެ ރޭހުގައި އޮތް ތިން ޓީމުން ވެސް މި ހަފްތާގައި ކުޅުނު މެޗުތަކުން މޮޅެއް ނުވެ އެވެ. އެއް ވަނައިގައި އޮތް ލިލް ރޭ ކުުޅުނު މެޗުން ލަނޑެއް ނުޖެހި މޮނާކޯއާ އެއްވަރުވިއިރު، ދެ ވަނައިގައި އޮތް ޕީއެސްޖީ މި ވަނީ ނުވަ އަހަރު ތެރޭ ލީގުގައި ޖެހިޖެހިގެން ދެ މެޗު އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. އަދި ހުކުރު ދުވަހުގެރޭ ލީގުގެ ތިން ވަނައިގައި އޮތް ލިޔޯން ވަނީ ރެއިމްސްއާ އެއްވަރުވެފަ އެވެ.
ލިލް މި ވަގުތު އެއް ވަނައިގައި އޮތީ 29 މެޗުން 63 ޕޮއިންޓާ އެކު އެވެ. ޕީއެސްޖީ ދެ ވަނައިގައި އޮތީ 29 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ލިޔޯނަށް ވެސް 29 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. އަންނަ ހަފްތާގައި ލީގުގައި ޕީއެސްޖީ ކުޅޭނީ ލިޔޯންއާ އެވެ.
ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 42 ވަނަ މިނިޓްގައި ހޫލިއަން ޑްރެކްސްލާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ނޯންޓެސް މޮޅުވީ ދެ ވަނަ ހާފްގައި ޖެހި ގޯލްތަކުންނެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 59 ވަނަ މިނިޓްގައި ރަންޑަލް ކޮލޯ މުއާނީ އެވެ. މިއީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މުއާނީ ޖެހި ގޯލެކެވެ. ނޯންޓެސް މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި މޮސެސް ސިމޯން އެވެ. މިއީ މުއާނީ ތަަނަވަސްކޮށްދިން ފުރުސަތަކުން ސިމޯން ޖެހި ގޯލެކެވެ.
ޕީއެސްޖީ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ނޯންޓެސް ކީޕަރު އަލްބާޓް ލަފޯންޓް ވަނީ މަތަކޮށްފަ އެވެ.
މެޗާ ބެހޭގޮތުން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ދެ ވަނަ ހާފްގައި ޕްރެޝަރު ބޮޑުވި ކަމަށާއި މި މެޗުން ބަލިވުމުން ގެއްލުނީ ލީގުގެ ރޭހުގައި މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.