ސީރަމް އިންސްޓިޓިއުޓުން ގަންނަނީ ވެކްސިންގެ 300،000 ޑޯޒް
ސީރަމް އިންސްޓިޓިއުޓުން ގަންނަނީ ވެކްސިންގެ 300،000 ޑޯޒް

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ގަންނަނީ ކޮވިޝީލްޑް ވެކްސިންގެ 300،000 ޑޯޒް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އަށް މިހާތަނަށް ލިބިފައިވަނީ ކޮވިޝީލްޑްގެ 212،000 ޑޯޒް އަދި ސައިނޯފާމްގެ 18،000 ޑޯޒް ކަމަށެވެ.

ބަލިން ދިފާއުވުމަށް ބޭނުންވާ ވެކްސިންގެ 700،000 ޑޯޒް ގަންނަން ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުންޏާއެކު ސޮއިކޮށް ނަމަވެސް އެ ވެކްސިން ނުލިބި ވަނިކޮށް ރާއްޖެއިން ވަނީ ކޮވިޝީލްޑް ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓާ އެކު ވެސް އެއްބަސްވުމެއް ހަދަން ނިންމައިފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ގަންނަނީ 300،000 ޑޯޒް ކަމަށް ޑރ. ނަޒްލާ މިރޭ ވިދާޅުވި އެވެ.

ރާއްޖޭގައި މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނެވެ. ޗައިނާގެ ސައިނޯފާމް ވެކްސިނަށް ހުއްދަ ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންނަނީ ދިރާސާކުރަމުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެމްއެފްޑީއޭގެ ހުއްދަ ލިބި، ވީހާ ވެސް އަވަހަށް ސައިނޯފާމް ވެކްސިން ޖެހޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެ ވެކްސިންތަކުގެ އިތުރުން ޗައިނާ ސަރުކާރުން ހަދިޔާކުރާ 200،000 ޑޯޒް އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިންގެ އިތުރު ޑޯޒްތަކެއް ލިބޭނެ އެވެ.

ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ ފެސިލިޓީގެ ދަށުން 108،000 ޑޯޒް ރާއްޖެއަށް ލިބޭނެ އެވެ. ކޮވެކްސް މިހާތަނަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 12،000 ޑޯޒެވެ. އޭގެ ބާކީ ބަޔާއި ފައިޒާ ވެކްސިންގެ 5،850 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އުއްމީދަކީ އޭޕްރީލް މަހު 2 ވަނަ ޑޯޒް ޖަހަން ފެށުން.. އިތުރު ވެކްސިން ލިބޭ ވަރަކުން، މި ވަގުތު ވެކްސިން ނުޖެހި ތިބި ފަރާތްތަކަށް ވެސް އަވަހަށް ފުރަތަމަ ޑޯޒް ޖަހައި ނިންމުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.