14 މާޗް 2021 - 23:33

ކޮވިޑް-19 ވެކްސިން ޖެހޭ އާބާދީގެ 46 ޕަސެންޓަށް ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 206،114 މީހުންނަށް މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ.
"ކޮވިޝީލްޑް ވެކްސިން މިހާތަނަށް ވަނީ ރާއްޖޭގެ އާބާދީގެ 206،114 މީހުންނަށް ދެވިފައި. މިއީ ރާއްޖޭގެ ވެކްސިން އެލިޖިބުލް ޕޮޕިއުލޭޝަން ނޫނީ ވެކްސިން ޖެހޭނެ އާބާދީގެ ގާތްގަނޑަކަށް 46 ޕަސެންޓް. އެހެންވީމަ، މި އާބާދީ އަށް އަޅުގަނޑުމެންނަށް ފުރަތަމަ ޑޯޒް މިހާތަނަށް މި ވަނީ ޖެހިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭނުންކުރާ ކޮވިޝީލްޑް ވެކްސިން ދެނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އޭގެ އިތުރުން އެހެން މައްސަލަތައް އުޅޭ މީހުންނަށް ވެސް ވެކްސިން ނުޖެހެ އެވެ. އެހެންވެ، ރާއްޖޭގެ އާބާދީއަކީ 500،000 އަށް ވިޔަސް އޭގެ ތެރެއިން ވެކްސިން ޖަހަން ޝަރުތު ހަމަވާ މީހުންގެ އަދަދު މަދުވާނެ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށް ހެލްތު މިނިސްޓްރީން ހަމަޖެއްސުމާ އެކު ވެކްސިން ޖެހުމަށް ފާއިތުވި ދެ ތިން ދުވަހު ދިގު ކިއުތަކެއް ހެދި އެވެ. އެކަމަކު، ވެކްސިންގެ އިތުރު ޑޯޒް ލިބުމުން ފުރަތަމަ ޑޯޒަށް ހުޅުވާލާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މާލެ ސަރަހައްދުން 4،941 މީހުން އަދި ރަށްރަށުގައި ގާއިމްކޮށްފައިވާ 169 ސެންޓަރަކުން 2،967 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.
ހަލުއިކަމާ އެކު ބަލި ފެތުރެމުންދާ މާލެއިން 116،636 މީހުން އަދި ރަށްރަށުން 89،478 މީހުން ވެކްސިން ޖަހާފައިވެ އެވެ.