އިންސާފު ހޯދަން 10 އަހަރު، މިހާރު ދެން ބޭނުމެއް ވެސް ނޫން!
އިންސާފު ހޯދަން 10 އަހަރު، މިހާރު ދެން ބޭނުމެއް ވެސް ނޫން!

މީގެ ތިން އަހަރު ކުރިން، "މިހާރު" ނޫހުގެ އިދާރާއަށް އެ އަންހެން ކުދިންތައް އައީ، އެތައް އަހަރެއް ކުރީއްސުރެ އެ މީހުންނަށް ލިބެމުން ދިޔަ އަނިޔާތައް، އާއްމުންނަށް ކިޔައިދީގެން އިންސާފު ލިބިދާނެކަމުގެ އުއްމީދުގަ އެވެ. އުމުރުން 75 އަހަރު (މިހާރު 78 އަހަރު)ގެ ފިރިހެނެއްގެ ޖިންސީ ޝިކާރައަކަށް ވި، އެއްބަނޑު އެއްބަފާ ހަތަރުބެއިންގެ ވާހަކަ ނޫހުގައި ޖެހީ، އެ ވާހަކަ އެކި މުއައްސަސާތަކަށް ކިޔައިދީގެން ވެސް އިންސާފާ ހަމައަށް ނުދެވުނީމަ އެވެ.

ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ، ރަށުގެ މުއްސަނދި ފިރިހެން މީހާގެ ޖިންސީ ޝިކާރައަކަށް އެ ކުދިން ވީ ވަރަށް ޅައިރު އެވެ. އަނިޔާ އާއި އިހުމާލުން ފުރިފައިވާ އެ ވާހަކަ ނޫހުގައި ޖެހުމާ އެކު އޭރު ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މާ ގިނަ ދުވަހެއް ނުވެ، ފިރިހެންމީހާ ވެސް ހައްޔަރުކުރި އެވެ. އަދި އެކަމުގައި އިހުމާލުވާ އެހެން މީހުން ވެސް ހޯދައި، ދައުވާ ކުރަން ފޮނުވި އެވެ.

އެކަމަކު ގާތްގަނޑަކަށް އެންމެ ހަތް މަހުގެ ތެރޭގައި ވާހަކަ އޮބުނީ އެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ ހައްޔަރުކުރިތާ މާ ގިނަ ދުވަހެއް ނުވެ، ދޫކޮށްލީ އެވެ. އެކި ފަހަރު އެކި ސަބަބުތައް ދިމާވެގެން، އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވުނެވެ. އެންމެން ވެސް އެ ވާހަކަ މަތިން ހަނދާން ނެތުނީ އެވެ.

އެކަމަކު އޭގެ ތިން އަހަރު ފަހުން، މީގެ ހަފުތާއެއް ކުރިން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުދިންގެ ނަޒަރުގައި އެއީ މިހާރު ބޭކާރު ކަމެކެވެ.

"ދެން ކީއްކުރަން މައްސަލަ ބަލަންވީ؟ ދެން ވެސް އިންސާފެއް ނުލިބޭނެ،" ހަތަރު ބެއިންގެ ތެރެއިން، ތިން ވަނަ ކުއްޖާ "މިހާރު"އަށް ބުންޏެވެ.

"މިހާރު ދެން މައްސަލަ ބަލާކަށް ވެސް ބޭނުމެއް ނޫން."

އެ އާއިލާ، ހުރިހާ ކަމެއްގައި ވެސް ބަރޯސާ ވެފައި އޮތީ އުމުރުން ދުވަސްވީ އެ މީހާއަށެވެ. އެންމެ ކުޑައިރުއްސުރެ ބައްޕަ ނެތުމާ އެކު، ދިރިއުޅުމުގެ ގިނަ ހަރަދުތައް ހަމަޖައްސައިދެމުން ދިޔައީ އޭނާ އެވެ. ގެ ހަދައިދީ، އެހެން ހަރަދުތައް ވެސް ކޮށްދިނީ، ރަށުގެ ދީލަތި އަދިި މުއްސަނދި އެ މީހާ އެވެ.

އެކަމަކު އޭނާ ދިޔައީ، އެހެން މީހުންގެ ލޯ މައްޗަށް ސިއްރުން، އޭގެ ބަދަލު ހޯދަމުން ކަމަށް، އަނިޔާ ލިބުނު ކުދިން ބުނެ އެވެ. އެކި ރޭ މަތިން، އާއިލާގެ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގި އެވެ. އެ ކުދިންގެ މަންމައަށް އެކަން އެނގުނު ނަމަވެސް އެ މީހާއަށް "ދަރާފައި" އޮތްލެއް ބޮޑުކަމުން އަމަލުތައް ސިއްރުކުރީ އެވެ.

އުމުރުން ދުވަސްވީ މީހާ އެންމެ ފުރަތަމަ ބެހެން ފެށީ، މީގެ 12 އަހަރު ކުރިން، އާއިލާގައި އޭރު އެންމެ ދޮއްޓަށް ހުރި ކުއްޖާއާ އެވެ. އޭރު އެ ކުއްޖާގެ އުމުރުން އެންމެ 14 އަހަރެވެ. "މިހާރު"އާ ވާހަކަ ދައްކަމުން އެ ކުއްޖާ ބުނި ގޮތުގައި، އޭރު އޭނާއަށް ގެއިން ބޭރަށް ދިޔުމުގެ ހުއްދައެއް ވެސް ނޯވެ އެވެ. ސްކޫލް ބައެއް ފޮތްތައް ވެސް ގަނެދީފައި ހުރީ އެ މީހާ ކަމުން، ބައެއް ދުވަސް ދުވަހު ސްކޫލަށް ނުދެވޭ ގޮތަށް ފޮތްތައް ފޮރުވައި ޓިއުޝަނަށް ވެސް ދިޔަނުދީ ހިފެހެއްޓި އެވެ.

ކިޔަވާ ނިމުމާ އެކު، މަންމަ ބާރު އަޅަން ފެށީ އެ މީހާއާ ކައިވެނިކުރާށެވެ. އެކަމަކު އެކަމާ ދެކޮޅުހަދައި، ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވާން، ފިލައިގެން މާލެ އައީ އެވެ.

މާލެ އައިތާ ދެތިން އަހަރު ފަހުން އޭނާއަށް ދެން އެނގުނީ، ދެން ތިބި 18 އަހަރު ނުފުރޭ ކޮއްކޮމެންނާ ވެސް އެމީހާ ބެހެމުން ދިޔަ ކަމެވެ. ޖެންޑާ މިނިސްޓްރީއަށް އޭނާ މައްސަލަ ހުށަހެޅީ، އެ އަނިޔާވެރި އަމަލުތަކުން ކޮއްކޮމެން ސަލާމަތް ކުރުމަށެވެ.

މައްސަލަ ބެލުމަށް، ޖެންޑާ މިނިސްޓްރީން ތިން ފަހަރު އެ ރަށަށް ދިޔަ އެވެ. އެކަމަކު މައްސަލަ ބަލަން ފަށާއިރަށް، އުމުރުން ދުވަސްވީ މީހާ ވަރަށް ބޮޑަށް ބަލިވެގެން ކަމަށް ބުނެ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރެ އެވެ. އެހެންވެ، ކޮންމެ ފަހަރަކު ވެސް، މިނިސްޓްރީގެ ޓީމުން އަނބުރާ މާލެ އަންނަނީ، ފިރިހެން މީހާ މާ ބޮޑަށް "ބަލިވެ"، ސުވާލު ނުކުރެވިގެންނެވެ.

"އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރަށުގެ ޕޮލިސް ސްޓޭޝަނަށް. ދެން ސްކޫލަށް. އެންމެ ފަހުން ޖެންޑާއަށް. އެކަމަކު ޖެންޑާއަށް ހުށަހަޅައިގެން އެތަނުން މީހުން އަންނައިރަށް އެ މީހާ ބަލިވޭ. އެ މީހުން ރަށުން ފުރާއިރަށް ރަނގަޅުވޭ،" އިންސާފު ހޯދައިދިނުމަށް އެ ކުދިންނަށް އެހީވި އެ ރަށުގެ ޒުވާނަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.

"މިނިސްޓްރީން ވެސް ވަރަށް ލައިޓްކޮށް މައްސަލަ ނެގީ."

މި މައްސަލަ ވަނީ ޖެންޑާ މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ. ނޫހުގައި މި ވާހަކަ ޖެހީ، އެއްވެސް ތަނަކުން އިންސާފު ނުލިބުމުންނެވެ.

މި ވާހަކަ ނޫހުގައި ޖެހުމާ އެކު، އެ މައްސަލަ އަލުން ބަލަން 2017 ގައި ޖެންޑާ މިނިސްޓްރީން އެ ރަށަށް ދިޔަ އެވެ. އެކަމަކު އެ މީހާ ބަލިވެގެން މާލެ ގެނައީ އެވެ. އޭގެ ދެ މަސް ފަހުން، އެ މީހާ ހައްޔަރުކުރީ މާލޭންނެވެ. އަދި އޭނާ ގެންގުޅުނު ބިދޭސީއަކު ވެސް ހައްޔަރުކުރި އެވެ. ފަހުން އެނގުނު ގޮތުގައި އެ ބިދޭސީ މީހާ ވެސް ވަނީ، އެކި ފަހަރު މަތިން އެ ކުދިންނާ ގުޅުން ހިންގައިފަ އެވެ.

އެ މައްސަލައިގައި މުސްކުޅި މީހާ އާއި އޭނާ ގެންގުޅޭ ބިދޭސީ މީހާ އަދި ކުދިންގެ މަންމަ އާއި ދޮން ބައްޕަގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

އެކަމަކު އޭގެ ފަހުން ދެން ފެނުނީ މި މައްސަލަ އެކި ގޮތްގޮތުން ބޭރުވަމުން ދިޔަ ތަނެވެ. އެންމެ ފުރަތަމަ، އުމުރުން ދުވަސްވީ މީހާ ގޭ ބަންދަށް ބަދަލުކުރީ އެވެ. ދެން އެ މީހާގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވި މައްސަލަ، އެއްވެސް އަޑު އެހުމެއް ވެސް ނުބާއްވާ ދައުލަތުން އަނބުރާ ނެގީ އެވެ. ސަބަބެއް ކަމަށް ބުނީ މައްސަލަ އިތުރަށް މުރާޖައާ ކުރުމެވެ. އޭގެ ފަހުން އެ ދައުވާ ގދ. ތިނަދޫ ކޯޓަށް ފޮނުވި ނަމަވެސް، އެ މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްލަައިފަ އެވެ. އެއީ އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެވެ.

ތިން އަހަރު ފަހުން، މި މައްސަލަ އަނެއްކާވެސް ބަލަން އެންގީ، މި މަހުގެ 12 ވަނަ ދުވަހު ހައި ކޯޓުންނެވެ. ހައި ކޯޓުން ބުނަނީ ތިނަދޫ ކޯޓުން ދައުވާ ކުރުމުގެ މުއްދަތު ގުނާފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އެމީހާގެ މައްސަލަ އެހެން ރަށެއްގެ ކޯޓެއްގައި އޮއްވާ ދައުލަތުން މައްސަލަ އަނބުރާ ގެންދިޔައީ އިތުރަށް މުރާޖާކުރަން ކަމަށާއި އެހެންވެ، އޭރު އެ މައްސަލަ އަނބުރާ ގެންދިޔައީ ދައުވާ ނުކުރަން ނިންމައިގެން ނޫން ކަން އެނގޭ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ.

މައްސަލަ ބަލަން ހައި ކޯޓުން އެންގި ނަމަވެސް، އަނިޔާ ލިބުނު ކުދިން އެ އިންސާފު މިހާރު ބޭނުމެއް ނޫނެވެ. އަނިޔާއިން ސަލާމަތްވާން އެކުދިން އެކި ތަންތަނަށް ދިޔައިރު، އެ ކުދިންނަށް 18 އަހަރު ނުފުރެ އެވެ. އެކަމަކު މިހާރު އެންމެ ކުޑަކުއްޖާއަށް ވެސް 18 އަހަރު ފުރިއްޖެ އެވެ. ދެން ތިބި ކުދިން، މީހުންނާ އިނދެގެން ދަރިން ވެސް ހޯދައިފި އެވެ.

ކުޑައިރު ލިބުނު އަނިޔާގެ ވާހަކަ އަލުން ދައްކާކަށް އެ މީހުން ބޭނުމެއް ނޫނެވެ. އެ އަނިޔާތަކާ ގުޅިގެން ރަށުގެ ގިނަ ބައެއްގެ ފުރައްސާރަ އާއި މަލާމާތް ލިބުނު އިރު، ރަށުން ފައިބަން މަޖުބޫރުވި އެވެ. ދެ ވަނަ ފަހަރަށް އެކަން ދިމާވާކަށް ބޭނުމެއް ނުވެ އެވެ.

"އެކުދިން މީހުންނާ އިނދެގެން އެކި ރަށްރަށުގައި އުޅޭއިރު، އެ މީހުންގެ މާޒީއެއް ރަށުގެ މީހުންނަކަށް ނޭނގޭ. ވަރަށް އުނދަގުލުން އެ މީހުން އެކަމުން އެ އަރައިގަތީ. އެހެންވީމައި އަހަރުތަކެއް ފަހުން އަލުން އެ މައްސަލަ ބަލައި، އެ މީހުން ކޯޓަށް ގެންދަންޏާ އާ ބަޔަކަށް އެ ވާހަކަތައް އެނގޭނެ. އެ މީހުންނެއް ބޭނުމެއް ނޫން އެ ވާހަކަތައް ދެން އެހެން ބަޔަކަށް އެނގޭކަށް،" އިންސާފު ހޯދަން ކުދިންނަށް އެހީވި ޒުވާނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އަދިވެސް އިންސާފު ލިބިދާނެ ކަމަކަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ. އެ މީހުން ދެކޭ ގޮތުގައި އަނެއްކާވެސް މައްސަލަ ހިލުނީ އިންތިޚާބެއް ބޯމަތީގައި އޮތުމުންނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ކަން ވީ ވެސް އެހެންނެވެ.

"ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށްގެން، އެ މައްސަލައަށް އިންސާފު ހޯދަން މަސައްކަތް ކުރި އިރު އެކަން ކާމިޔާބެއް ނުވި. އޭރު އެ ކުދިން ތިބީ ރަށުގައި، އެއްވެސް ގޮތެއް ނެތިފައި،" އޭނާ ބުންޏެވެ.

އަހަރުތަކަކަށް ދެމިގެން ދިޔަ މި މައްސަލަ އެ މީހުން ސިފަކުރީ، ބާރު އޮތް މީހާއަށް ގަދަވާ ގޮތަށް ކުޅުނު، ގޭމެއްގެ ގޮތުގަ އެވެ. އެންމެ ނިކަމެތިވެ، އެހީއަށް ބޭނުންވި ދުވަހު އިންސާފެއް ނުލިބުނެވެ. ދެން މިހާރު ކޮން ކަމެއް ހެއްޔެވެ؟