14 މާޗް 2021 - 23:06

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓުކުރި 3،071 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 96 މީހުން ކަމަށެވެ. އެއީ މާލެ ސަރަހައްދުން 75 މީހަކާއި އެހެން ރަށްރަަށުން 10 މީހުންނާއި ރިސޯޓުތަކުން 10 މީހުންނާ އަދި ސިނާއީ މަސައްކަތްކުރާ ރަށަކުން މީހެކެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21،572 އަށް ވަނީ އަރައިފަ އެވެ. ބަލިން އިތުރު 128 މީހަކު ރަނގަޅުވެފައިވެ އެވެ. އެހެންވެ، މި ވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދު 2،406 އަށް ތިރިވެފައިވެ އެވެ.
ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލްވުމަށް ފަހު އެ ބަލި ޖެހޭ މީހުންގެ އަދަދު ފާއިތުވި ދެ މަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ނަމަވެސް ފާއިތުވި ތިން ދުވަހުގެ ނަތީޖާއިން ފެންނަނީ ހަލުއިކަމާ އެކު ކޮވިޑް ފެތުރޭ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ދަށްވެފައިވާ ތަނެވެ.
މިދިޔަ ހުކުރު ދުވަހު 114 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން ބަލި ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވަނީ 86 މީހުންނެވެ. އިއްޔެ ޖުމްލަ 94 މީހުން ޕޮޒިޓިވްވި އެވެ. މާލެއިން ޕޮޒިޓިވްވީ 65 މީހުންނެވެ.