މިއަންމާގެ މައި ސިޓީގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް
މިއަންމާގެ މައި ސިޓީގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް

ޔަންގޫން (މާޗް 15) - މިއަންމާގެ މައި ސިޓީ ޔަންގޫންގައި މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ގަޔަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން މިއަދު 14 މީހުން މަރުވެއްޖެ އެވެ.

ޔަންގޫންގެ ހައިން ތަރީއާރް އޭރިއާގައި ސަލާމަތީ ފަރާތްތަކުން ބަޑި ޖެހުމަށް ފަހު، އެ ސަރަހައްދުގައި ވަނީ މާޝަލް ލޯ ހިންގައިފަ އެވެ. ޔަންގޫންގެ އެ ސަރަހައްދުގައި ހުރި ޗައިނާގެ ފެކްޓަރީތަކަށް ވަނީ މުޒާހަރާ ކުރި މީހުން ހަމަލާދީފަ އެވެ. ޗައިނާގެ ހޮޓަލަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. މުޒާހަރާ ކުރާ މީހުން ބުނި ގޮތުގައި ޗައިނާ އިން ދަނީ މިއަންމާގެ ބަޣާވާތުގެ ސަރުކާރަށް ވާގިވެރިވަމުންނެވެ. ޗައިނާ އެމްބަސީން ބުނީ 10 ފެކްޓަރީއެއް ލޫޓުވާލާފައިވާ ކަމަށެވެ.

މިއަންމާ ސިފައިން ފެބްރުއަރީ 1 ވަނަ ދުވަހު ބަޣާވާތް ކުރުމަށް ފަހު ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީ ވަނީ ހައްޔަރުކޮށްފަ އެވެ. ސިފައިން މިދިޔަ ހަފުތާގައި ވަނީ ސޫކީ 600،000 ޑޮލަރާއި 11 ކިލޯގެ ރަން ނަގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ބަޣާވާތަށް ފަހު ސޫކީ ބަންދުކޮށްފައި ހުރި ތަނެއް ނޭނގެ އެވެ.

މިއަންމާގެ ބައެއް ނިއުސް ވެބްސައިޓްތަކުން ބުނި ގޮތުގައި ޔަންގޫންގައި ސިފައިން ބަޑިޖެހުމުގެ ސަބަބުން މަދުވެގެން 14 މީހުން މަރުވި ކަމަށެވެ. މިއަންމާގެ ސްޓޭޓް ޓީވީން ބުނި ގޮތުގައި ޕޮލިސް އޮފިސަރަކު ވެސް ވަނީ މަރުވެފަ އެވެ. މިއަންމާގައި ފަށާފައިވާ މުޒާހަރާތައް ހުއްޓުވަން ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް ވަނީ 80 މީހުން މަރުވެފަ އެވެ.