14 މާޗް 2021 - 14:55

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ، ރެސްޓޯރަންޓްތަކާއި ވިޔަފާރިތަކަށް ގެއްލުންވަމުންދާކަން ސަރުކާރުގެ ސަމާލުކަމަށް ޓަކައި ގެނައުމަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނީ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނިމޮކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ މައްސަލާގައި ބުނެފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން އެކި ރަށްރަށާއި މާލޭގައި ވިޔަފާރި ކުރާ ގިނަ ފަރާތްތަކެއް ގޮތް ހުސްވެފައިވާ ކަމަށާއި ކުދި ވިޔަފާރިތަކުގެ އިތުރުން ޓެކްސީ ޕިކަޕް ފަދަ އެއްގަމު އުޅަނދުގެ ހިދުމަތް ދޭ ފަރާތްތަކާއި، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކާއި، ލޮޖިސްޓިކްސްގެ ވިޔަފާރިތައް ކުރަމުން އަންނަ ފަރާތްތަކުގެ ވިޔަފާރި ހީނަރުވެ ނެތެމުންދާ ކަމަށެވެ.
"..މިކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 172 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން،" އެ މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލަ ހުށަހެޅުމަށް ފަހު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވުމުގެ އިތުރުން އެތައް ދިވެހިންތަކެއްގެ ވަޒީފާ ވެސް ގެއްލެމުންދާ ކަމަށެވެ. އަދި އިގްތިސާދަށް ނުރައްކާވަމުން އަންނާތީ ސަރުކާރުން އެ މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދި ހުށަހަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެފައިވާއިރު އެޗްޕީއޭއިން ކުރިން ދީފައި ހުރި ލުއިތައް ވެސް ވަނީ ހިފަހައްޓާ އިތުރު ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި އިރުއޮއްސި 6:00 ގެ ފަހުން ވެހިކަލް ނުދުއްވޭ ގޮތް ހެދުމާއި ރޭގަނޑު 8:00 ގެ ފަހުން ރެސްޓޯރަންޓު ފަދަ ގިނަ ވިޔަފާރިތައް ބަންދު ކުރަން ޖެހެ އެވެ.