ކުރީގެ ޕްރެސް ސެކްރެޓަރީ ހޯދަން އިއުލާންކޮށްފި
ކުރީގެ ޕްރެސް ސެކްރެޓަރީ ހޯދަން އިއުލާންކޮށްފި

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ހޯދަން ފުލުސް އޮފީހުން އިއުލާން ކޮށްފި އެވެ.

ޒުހައިރުގެ ފޮޓޯއާ އެކު ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ އޭނާ ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ އެކަމަކު ހާޒިރު ނުކުރެވުމުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ގެންދިޔުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާތީ ކަމަށެވެ.

މި މަހުގެ 16 ގެ ކުރިން އޭނާ ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި މިހާރު ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ޒުހައިރު ކޯޓުން ހޯދަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް އިން ދައުވާ ކުރާ މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.