14 މާޗް 2021 - 14:33

ކޮލަމްބޯ (މާޗް 14) - ކޮރޯނާވައިރަހުގެ ސައުތު އެފްރިކާ ވޭރިއަންޓް ސްރީ ލަންކާ އިން ފެނިއްޖެ އެވެ.
ސްރީ ޖަޔަވަރްދަނާ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލެކިއުލާ މެޑިސިންގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޗަންދިމާ ޖީވަންދަރަ ވިދާޅުވީ ސައުތު އެފްރިކާ ވޭރިއަންޓް ފެނިފައި ވަނީ ކަރަންޓީނުގައި ހުރި މީހެއްގެ ފަރާތުން ކަމަށެވެ. އެއީ ދާދި ފަހުން ޓެންޒޭނިއާ އިން ލަންކާ އަށް ދަތުރުކުރި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ބީ.1.1.7 ވެސް މިިދޔަ ޖެނުއަރީ މަހު ވަނީ ލަންކާ އިން ފެނިފަ އެވެ. އެ ވޭރިއަންޓް ފެނިފައި ވަނީ ކޮލަމްބޯ އާއި އަވިއްސަވެއްލާ، ބިޔަގަމާ އަދި ވަވުނިޔާ އިން ނެގި ސާމްޕަލް އިންނެވެ.
ސްރީ ލަންކާ އިން މިހާތަނަށް ވަނީ 87,600 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 526 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 314 މީހުން ޕޮޒިޓިވްވެފަ އެވެ. ލަންކާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.