14 މާޗް 2021 - 15:07

މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޖޭއެސްސީން އިއްޔެ ނެރުނު "ޖުޑީޝަލް ސާވިސް ކޮމިޝަން އަހަރީ ރިޕޯޓު 2020" ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި 288 މައްސަލައިގެ ތެރެއިން 41 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން 31 މައްސަލައަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ އެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ހަ ޝަކުވާއެއް ހުށަހަޅާފައިވާ އިރު ކޯޓުގައިވާ މައްސަލަ ލަސްވެގެން ތިން މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އަދި ފަނޑިޔާރުންގެ ކިބައިގައި ހުންނަންވާ އަހުލާގު ނެތް ކަމަށް ބުނެ އެއް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.
މިދިޔަ އަހަރު ނުވަ ފަނޑިޔާރެއް އިސްތިއުފާދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އޭގެ ތެރެއިން އަށް ފަނޑިޔާރުންނަކީ، އެ މީހުންގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އިސްތިއުފާ ދިން ފަނޑިޔާރުން ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އަމިއްލަ ފަރާތްތަކަށާއި ދައުލަތުގެ އިދާރާތަކަށް ފަނޑިޔާރުންނާ ގުޅޭ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ވެސް އެފަދަ މައްސަލަ ބެލޭނެ އެވެ.
ކުރީ އަހަރުތަކުގައި ވެސް ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތަކާ އެކު މިއަހަރު ޖުމްލަ 147 މައްސަލައެއް ބެލުމަށް ފަހު، 79 މައްސަލައެއް ނިންމާފައި ވެ އެވެ. ބާކީ މައްސަލަތައް ހުރީ ތަހުގީގީ މަރުހަލާގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
މިދިޔަ އަހަރު ނިންމި މައްސަލަތަކަކީ 2019 ވަނަ އަހަރު ޖޭއެސްސީ އިން ނިންމި މައްސަލަތަކުގެ 22.3 ޕަސެންޓް އިތުރު އަދަދެކެވެ.
ޖޭއެސްސީގައި ޖުމްލަ 188 ފަނޑިޔާރަކު ރަޖިސްޓްރީކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 15 އަންހެން ފަނޑިޔާރުންނެވެ. މިއީ 2019 އަށް ވުރެ ތިން ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.