ތިންވަނަ ކުއާޓަރުގައި މާލީ ހާލަތު ރަނގަޅުވާނެ: މިހާދު
ތިންވަނަ ކުއާޓަރުގައި މާލީ ހާލަތު ރަނގަޅުވާނެ: މިހާދު

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ހަރަދުތައް ކުޑަކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު މެދުކަނޑާލުމާ އެކު ސަރުކާރުން ވަނީ އައިއޭއެސްއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުންޏަށް މިހާރު ވެސް އެ އެހީ ސަރުކާރުން ދެ އެވެ.

މިހާދު ވިދާޅުވީ ސަރުކާރުން އެހީ ފޯރުކޮށްދެނީ ކޮވިޑް-19ގެ ސަބަބުން އެ ކުންފުނީގެ ކޭޝްފްލޯ ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މި ހާލަތުން އަރައިގަނެ މާލީ ހާލަތު މި އަހަރުގެ ތިން ވަނަ ކުއާޓަރާ ހަމައަށް ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މިދަނީ ކޮވިޑުން ފެށިގެން ފައިސާގެ އެހީތެރިކަމެއް އަޅުގަނޑުމެންނަށް ދެމުން. އަޅުގަނޑު އުއްމީދުކުރަނީ މި އަހަރުގެ ތިން ވަނަ ކުއާޓާ އަންނަން ވާއިރަށް އަޅުގަނޑުމެންނަށް އެދެވޭ ބަދަލެއް އައިސް، ކުންފުނީގެ ފައިނޭންޝަލް ޕޮޒިޝަން ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް،" މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރަން އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ޗައިނާގެ ދަތުރުތައް މެދުކަނޑާލުމެވެ. ޗައިނާގެ ބޯޑަރު އަލުން ހުޅުވާނެ ތާރީހެއް ވެސް އެ ގައުމުން އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

އައިއޭއެސްގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރަން ވަނީ ނިންމައިފަ އެވެ.