14 މާޗް 2021 - 13:43

ޖެނީވާ (މާޗް 14) - އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުން ގައުމުތަކުން ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ރައްކާތެރި ވެކްސިނެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ތަރުޖަމާން މާގަރެޓް ހަރިސް ވިދާޅުވީ އެސްޓްރަޒެނެކާ ވެކްސިނަކީ ވަރަށް ފުރިހަމަ ވެކްސިނެއް ކަމަށާއި އެ ވެކްސިން ޖެހުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ޔޫރަޕުގައި މިހާތަނަށް ވަނީ ފަސް މިލިއަން މީހުން އެސްޓްރަޒެނެކާ ވެކްސިން ޖަހައިފަ އެވެ.
އެސްޓްރަޒެނެކާ ވެކްސިންއާ މެދު ޝައްކުތައް އުފައްދަން ފަށާފައި ވަނީ ޑެންމާކް، ބަލްގޭރިއާ އަދި ނޯވޭ ފަދަ ގައުމުތަކުގައި އެ ވެކްސިން ޖެހި މީހުންގެ ލޭގަނޑުވުމުގެ މައްސަލަތަކެއް ދިމާވި ކަމަށް ބުނުމާ ގުޅިގެންނެވެ. އެކަމަކު ޑަބްލިއުއެޗްއޯގެ ތަރުޖަމާން ވިދާޅުވީ ވެކްސިން ޖެހުމާއި ލޭގަނޑުވުމާއި ގުޅުމެއް ނެތް ކަމަށެވެ.
ވެކްސިން ޖެހުމަށް ފަހު "ތުރޮމްބޯއެމްބޮލިކް އިވެންޓްސް" ނުވަތަ ގަނޑުލޭކޮޅެއް އުފެދުމުގެ ގާތްގަނޑަކަށް 30 ކޭސް ޔޫރަޕުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާން ވިދާޅުވީ އެ މައްސަލަ މިހާރު އިތުރަށް ބަލަމުންގެންދާ ކަމަށެވެ.
އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ އެ ކުންފުނީގެ ވެކްސިންގެ ގާތްގަނޑަކަށް 10 މިލިއަން މީހުންގެ ޑޭޓާ އަށް ބެލިއިރު ޕަލްމޮނަރީ އެމްބޮލިޒަމް ނުވަތަ ޑީޕް ވެއިން ތުރޮމްބޯސިސް (ޑީވީޓީ) ގެ ނުރައްކާ އޮތްކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ބުނެ ބައެއް ގައުމުތަކުން މެދުކަނޑާލީ އެސްޓްރަޒެނެކާގެ ވަކި ބެޗެއްގެ ވެކްސިނެވެ.