14 މާޗް 2021 - 10:01

ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް އަންނަ އޮގަސްޓް މަހު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖެ އަށް ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ޓީޓީ އިން ވަނީ ހޯދައިފަ އެވެ. މިދިޔަ އަހަރު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު އެ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވަނީ ރާްއްޖޭގެ ކުޅުންތެރިންނަށް ފުރުސަތު އިތުރުކޮށްދީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފަހަކަށް އައިސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޓީޓީގެ މުބާރާތެއް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ކުޅުންތެރިންނަށް ވެސް ލިބިގެންދާނެ ބޮޑު ހިތްހަަމަޖެހުމެކެވެ. އެއީ އަމިއްލަ ގައުމުގައި މުބާރާތް ކުޅުމަކީ ކުޅުންތެރިންގެ ކުރިއެރުމަށް ބަލާއިރު ވެސް މުހިއްމު ކަމަކަށްވާތީ އެވެ.
ޓީޓީ އެސޯސިއޭޝަނުން މިއަދު ވަނީ ގައުމީ ޓީޓީ ޓީމުތަކުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސައިފަ އެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިން ޓްރެއިނިން ކުރުމުގެ ޒިންމާއާ ހަވާލުވެ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓަންޓީނޯސް އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ކުރާނީ ރާއްޖޭގައި ބޭއްވޭ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަށް ޖޫނިއާ ކުޅުންތެރިން ތަމްރީން ކުރުމުގެ މަސައްކަތެވެ.
ކޮންސްޓަންޓީނޯސް އަކީ ގްރީސްގައި ޓީޓީ ކުޅުންތެރިން ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އެ ގޮތުން ކޮވިޑް-19ގެ ތެރޭގައި މިދިޔަ އަހަރު އެންމެ އުނދަގޫ ހާލަތުގައި ވެސް އޭނާ ވަނީ ކުޅުންތެރިން ޓްރެއިން ކުރުމުގެ މަސައްކަތްތަކެއް ކޮށްފަ އެވެ.
ރާއްޖޭން 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ނިންމުމުން ކޮމެންވެލްތު ގޭމްސް އިން ރާއްޖޭގެ އެތުލީޓުންނަށް ބޮޑު ފުރުސަތުތަކެއް ގެއްލުނެވެ. އެކަމަކު މި ސަރުކާރުގެ އިސްނެގުމާ އެކު ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމާ ގުޅިގެން، ކޮމަންވެލްތު ގޭމްސް އިން މިދިޔަ އަހަރު އޮގަސްޓް މަހުގައި އަނެއްކާވެސް ފުރުސަތު ދޭން ނިންމީ އެވެ.
ޓީޓީގެ ހަރަކާތްތައް ރަނގަޅު ދުވެއްޔެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ޓީޓީ އަށް ހުރި ވަސީލަތްތައް އިތުރުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އެ ގޮތުން ވަނީ ހުޅުމާލޭގައި ޓީޓީ ކުޅޭނެ އާ ފެސިލިޓީއެއް ދާދި ފަހުން ގާއިމްކޮށްދީފަ އެވެ. ޓީޓީ އެސޯސިއޭޝަނުން ވަނީ އެ ކުޅިވަރު ކުރިއަރުވަން މިނިސްޓަރު މަހުލޫފްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.