"ޑެނިމް ބްރޭންޑަށް ވުރެ އަނިލް ވަރުގަދަ"
"ޑެނިމް ބްރޭންޑަށް ވުރެ އަނިލް ވަރުގަދަ"

މަޝްހޫރު ކްލޯތިން ބްރޭންޑް ޑެނިމް އިން ފިރިހެން މޮޑެލްއަކު ބޭނުންވާ ނަމަ ގުޅުމަށް އެދި ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް އިންސްޓަގްރާމްގައި ޖޯކެއް ޖަހައިފި އެވެ.

އެހާރާއި މިހާރު ޑެނިމްގެ ޖީންސާއި ޖެކެޓް/ގަމީސް ލައިގެން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް 64 އަހަރުގެ އެކްޓަރު ބުނީ އުމުރުން ދުވަސްވުމަކުން ސިފަ އަށް އަންނާނެ ބަދަލެއް ނެތް ކަމަށާއި ފޭޑްވާނީ ޑެނިމް ކަމަށެވެ.

އަނިލްގެ ޕޯސްޓްގައި ދެ ފޮޓޯއެއް ހިމަނާފައިވާ އިރު ޑެނިމް ޖީންސަކާއި ކޯޓެއް ލައިގެން ހުރި ފޮޓޯ އަކީ މި އަހަރުގެ ފޮޓޯއެކެވެ. އަދި ޑެނިމް ގަމީހަކާއި ޖީންސަކާ އެކު އިން ކުރީގެ ފޮޓޯ އަކީ 1980 ގައި ނަގާފައިވާ ފޮޓޯއެކެވެ.

"ޑެނިމް ބްރޭންޑުން ފިރިހެން މޮޑެލްއަކު ހޯދާ ނަމަ އަހަންނަށް ގުޅާ،" އަނިލްގެ ކެޕްޝަނުގައި ބުންޏެވެ.

މި ޕޯސްޓަށް އައި އެންމެ މަޖާ ރައްދަކީ ދެވަނަ އަންހެން ދަރިފުޅު އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރް ކުރި ކޮމެންޓެވެ.

"ވަރަށް ރީތި. އެކަމަކު އަހަރެންގެ ޖެކެޓް އަނބުރާ ބޭނުން. ޝުކުރިއްޔާ،" ރިއާގެ ކޮމެންޓްގައި ބުންޏެވެ.

ތިން ކުދިންގެ ބައްޕަ އަނިލް އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އުމުރުން ކިތަންމެ ދުވަހެއްވި ނަމަވެސް ޒުވާން ކަމަށް ބަދަލަށް ނާންނަ އެކްޓަރެއްގެ ގޮތުގައި މަޝްހޫރު ތަރިއެކެވެ. އަދި މި ފަހުން އޭނާ ފިޓްނެސް އަށް ވަރަށް ބޮޑު ސަމާލުކަމެއްދީ ހަށިގަނޑަށް ބޮޑު ބަދަލެއް ވެސް ގެނެސްފައިވެ އެވެ. އެކަމަށް ކުރި މަސައްކަތް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯ އަނިލް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.