14 މާޗް 2021 - 08:48

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އާންމުކޮށް ޖަހައިދިނުން މާދަމާ ހުއްޓާލާތީ މިއަދުވެސް ވެކްސިން ސެންޓަރުތަކަށް ބާރު ބޮޑުވެ އެތައް ސަތޭކަ ބަަޔަކާ އެކު ކިއޫތައް ދަމާލައިފި އެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށުމާ އެކު ވެކްސިން ސެންޓަރުތަކަށް ގޮސް އެތައް ބަޔަކު ވެކްސިން ޖެހި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ސެންޓަރުތައް އޮތީ ހުހަށެވެ. މީހުން ގިނަވަނީ ހަފުތާ ބަންދާ ދިމާކޮށް ބުރާސްފަތި ދުވަހު އަދި ހޮނިހިރު ދުވަހު އެވެ.

ހާއްސަ ހާލަތްތަކެއް ދިމާވެގެން ވެކްސިން ނުޖެހި ތިބި މީހުން ނޫން އެހެން މީހުންނަށް ވެކްސިން ޖަހައިދިނުން މާދަމާއިން ފެށިގެން ހުއްޓާލަން މިހާރު އޮތީ ނިންމައިފަ އެވެ.

މިގޮތަށް ނިންމި ފަހުން ވެކްސިން ޖަހާ މީހުން ގިނަވެފައި ވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. ވެކްސިން ސެންޓަރުތައް ހުޅުވަނީ ހެނދުނު 9:00 ގައި ނަމަވެސް ހެނދުނު 6 ޖެހި އިރު ވެސް ބައެއް ތަންތަނުގެ ބޭރުގައި ދިގު ކިއޫތައް އޮތެވެ.

އިއްޔެ ވެސް ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ސެނަހިޔާ އާއި ހުޅުމާލޭ ފްލޫ ކްލިނިކް ވެކްސިން ސެންޓަރާއި ޓްރީ ޓޮޕް އަދި ރައްޔިތުންގެ މަޖިލީހުގައި ހަދާފައިވާ ވެކްސިން ސެންޓަރު ބޭރުގައި ވެސް ކިއޫ ވަރަށް ބޮޑެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގައި 22،750 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.

މިހާރު ރާއްޖޭގައި ހުރި ވެކްސިންގެ އަދަދަށް ބަލާއިރު އެ ހުރީ ހުސްވާން ގާތްވެފަ އެވެ. އިންޑިއާ އިން ރާއްޖެއަށް ފުރަތަމަ ހަދިޔާކުރި ކޮވިޝީލްޑްގެ 100،000 ޑޯޒަށް ފަހު އިތުރު 100،000 ޑޯޒް ހަދިޔާކޮށްފައިވެ އެވެ. އަދި ފަހުން ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ވެސް ކޮވިޝީލްޑްގެ 12،000 ޑޯޒް ހަދިޔާކުރި އެވެ. އެހެންވެ ޖުމްލަ ލިބުނު އަދަކީ 212،000 އެވެ.

އިތުރު ވެކްސިން ގަންނަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ކޮވިޝީލްޑް ނޫން ވެކްސިނަކަށް ރާއްޖޭގައި އަދި ހުއްދައެއް ނުދެ އެވެ. ޗައިނާ އިން ހަދިޔާކުރާ ސިފޯފާމް ވެކްސިނަށް ހުއްދަ ދޭން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭން 6.015 އަދި ރަށްރަށުން 5،459 މީހުން ވެކްސިން ޖެހި އެވެ. މި 11،474 އަކީ މިހާތަނަށް އެއް ދުވަހަކަށް ރާއްޖޭގައި އެންމެ ގިނަ މީހުން ވެކްސިން ޖެހި ދުވަހެވެ. އިއްޔެ 9،770 މީހަކު މުޅި ރާއްޖޭން ވެކްސިން ޖެހި އެވެ. އެއީ މާލޭން 5،859 އަދި ރަށްރަށުން 3،911 މީހުންނެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި 198،206 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އެއީ އާބާދީގެ 37.33 ޕަސެންޓެވެ. ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އަންނަ މަހު އެވެ.