14 މާޗް 2021 - 08:17

ލަންޑަން (މާޗް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ފުލަމް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި 17 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 30 މެޗުން 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 28 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. ޔުނައިޓެޑް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ސިޓީގެ ލީޑު 14 ޕޮއިންޓަށް ކުޑަވާނެ އެވެ.
ރެލިގޭޝަން ޒޯނުގައި އޮތް ފުލަމް ކޮޅަށް ސިޓީން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސިޓީ އަށް ލީޑުނަގައިިދިނީ މި ސީޒަނުގައި މުހިއްމު ގޯލުތަކެއް ޖަހާފައިވާ ޑިފެންޑަރު ޖޯން ސްޓޯންސް އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. މިއީ ފުލަމްގެ ޓޮސިން އަޑޮރާބިއޯ އޭރިއާތެރެއިން ސިޓީގެ ފެރާން ޓޮރޭޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަަލްޓީ އެކެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ގޯލެއް ޖެހިފަހުން ލީގުގައި މިދިޔަ 14 ވަރަަކަށް މަސް ތެރޭ އާގުއޭރޯ ޖެހި ފުރަތަމަ ގޯލެވެ. އަނިޔާގެ ސަބަބުން އަގުއޭރޯ އަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗަށް ތައްޔާރުވީ ފުލަމް ލީގުގައި އޮތް މަގާމަށް ބަލައިގެން ނޫން ކަމަށާއި ކުޅުމަށް ބަލާއިރު ފުލަމްގެ ފަރާތުން ފެންނަނީ ރަނގަޅު ކުޅުމެއް ކަމަށެވެ.
ލީގުގައި ރޭ ލަނޑެއް ނުޖެހި ލީޑްސް ޔުނައިޓެޑާ އެއްވަރުވެ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ވަނީ ނަގާލައިފަ އެވެ. ޗެލްސީ މޮޅުކޮށްދޭން ކައި ހަވާޓްޒް އާއި ކްރިސްޓިއަން ޕުލިސިޗަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ލީޑްސްގެ ޓައިލާ ރޮބާޓްސް ފޮނުވާލި ހަމަލާއެއް ޗެލްސީ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.
ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 28 މެޗުން 53 ޕޮއިންޓް ލިިފައިވާއިރު، ހަތަރެއްގައި ޗެލްސީ އޮތީ 29 މެޗުން 51 ޕޮއިންޓާ އެކު އެވެ. މިރޭ ކުޅޭ މެޗުން މެންޗެސްޓާ ޔުނައިޓެޑްގެ އަތުން މޮޅުވެއްޖެނަަމަ ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ލީގުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ހަމަކުރެވޭނެ އެވެ. ވެސްޓް ހޭމް އަށް 27 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.
ލީގުގެ ހަ ވަނައިގައި އޮތް އެވަޓަން ރޭ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބާންލީ އަތުން ބަލިވެފަ އެވެ. އެވަޓަން އަށް 28 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.