13 ނޮވެމްބަރ 2016 - 12:53

"މިއީ ވަރަށް ދުވަހުގެ މަސައްކަތް" މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތ. ތިމަރަފުށި 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އޭދަފުށީ ޓީމުގެ މެނޭޖަރު އަދި ކުރީގެ ކުޅުންތެރިޔާ އަބްދުލް މަޖީދު ހަސަން ބުންޏެވެ.

އޭނާ އަކީ 1992 ވަނަ އަހަރު އޭދަފުށި ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވިއިރު ޓީމުގެ ކެޕްޓަނެވެ. އޭނާ ބުނީ މި ކާމިޔާބީ އަކީ ފުޓްބޯޅައިން ބޮޑު ކާމިޔާބެއް ހޯދަން އޭދަފުށިން ކުރި ދިގު އިންތިޒާރުގެ ނަތީޖާ ކަމަށެވެ.

ފުޓްބޯޅައިން މުޅި ރާއްޖެ އަށް މަޝްހޫރު އޭދަފުށި ވަނީ 1986 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާއި ހަމައަށް ފުރަތަމަ ޑިވިޝަންގައި ކުޅެފަ އެވެ. އޭދަފުށި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 1992 ވަނަ އަހަރު ކުޅުނު ޕްލޭއޮފް މެޗުން ކ. ހުރާ އަތުން ބަލިވުމުންނެވެ. އެއަށް ފަހު ރެއާ ހަމައަށް ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ފައިނަލެއްގައި ގަލޮޅު ދަނޑުގައި ކުޅުމުގެ ފުރުސަތު އެ ޓީމަށް ނުލިބެ އެވެ.
"އޭދަފުށްޓަކީ ފުޓްބޯޅައިގެ ތާރީހު އޮތް މަޝްހޫރު ރަށެއް. ވަަރަށް ދުވަސްވެއްޖެ ފުޓްބޯޅައިގައި އޭދަފުށްޓަށް ކާމިޔާބެއް ނުލިބޭތާ. މިރޭ އެކަން ހާސިލްވެއްޖެ. ވަރަށް އުފަލުން އަޅުގަނޑު މިހުރީ. އެއީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކޯޗެއްގެ ގޮތުގައި ވެސް ޓީމަށް ކާމިޔާބު ހޯދައިދެވުނީތީ،" މަޖީދު ބުންޏެވެ.
ރޭގެ މެޗަށް ދެ ޓީމުގެ ގިނަ އަަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް ވަދެފަ އެވެ. ހަމައެކަނި އެ ދެ ރަށުގެ ސަޕޯޓަރުންނެއް ނޫނެވެ. އެދެ އަތޮޅަށް ނިސްބަތްވާ އެހެން ރަށްތަކުގެ ސަޕޯޓަރުން ވެސް ވަނެވެ.
"ހަގީގަތުގައި މިއީ ވަރަށް ހިތްވަރު ލައިގެން ކުޅުންތެރިންނާއި މެނޭޖްމަންޓުން ކުރި މަސައްކަތުގެ ފޮނި ނަތީޖާ. މިއަދު ސަޕޯޓަރުން ނެތް ނަމަ މި ކާމިޔާބީ ނުލިބޭނެ. އެއީ ކުޅުންތެރިންނަށް ހިތްހަމަ ޖެހިލައިގެން ކުޅެލުމުގެ ފުރުސަތު ސަޕޯޓަރުން ހޯދައިދީފި،" މަޖީދު ބުންޏެވެ.
މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށި ފައިނަލް ބުރުގެ މެޗުތައް ކުޅުނީ ތިމަރަފުށީގަ އެވެ. އެ ޓީމު ހަމައެކަނި ބަލިވި މެޗަކީ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ތިމަރަފުށި އަތުން 1-0 އިން ބަލިވި މެޗެވެ. ސެމީން އެ ޓީމު މޮޅުވީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ އަތުން ޕެނަލްޓީ ޖަހައިގެންނެެވެ. އެ މެޗު ކުޅުނީ ދ. ކުޑަހުވަދޫގަ އެވެ.
"ފޭދޫ ޓީމު ބަލިކުރި ހިސާބުން ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ. ކުރީގެ ޗެމްޕިއަން އަތުން މޮޅުވެވުނީ އޭދަފުށި ޓީމުގެ ވަރުގަދަ ކުޅުންތެރިން ނެތި. ފައިނަލަށް ނުކުތީ ވަރަށް ހިތްވަރާ އެކު ވަރަށް އުއްމީދު އޮތް،" މަޖީދު ބުންޏެވެ.
އޭދަފުށީ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އެ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. ޒިޔަޒަން އަކީ ކުރިން ނިއު ރޭޑިއަންޓާއި ވިޔަންސާ އަށް ކުޅުނު ކުޅުންތެރިޔެކެވެ.
"ޓީމުގެ ކޮންމެ ކުޅުންތެރިޔެއް ވެސް މުހިއްމު. އެކަމަކު ޒިޔަޒަން އަކީ މި މުބާރާތުގައި ތަފާތު ދެއްކި ކުޅުންތެރިޔެއް. ސެމީ ފައިނަލުގައި ފޭދޫން ޖެހި ތިން ޕެނަލްޓީ އޭނާ ނެގި. ޒިޔަޒަން ހުރުމަކީ ޓީމަށް ލިބުނު ހިތްވަރެއް. ރާއްޖޭން ބެލިޔަސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކީޕަރެއް ޒިޔަޒަން އަކީ،" މަޖީދު ބުންޏެވެ.
ފައިނަލުގައި ރޭ ތިމަރަފުށީ ޓީމުގެ އެޓޭކްތައް ހުއްޓުވުމުގައި ޒިޔަޒަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ތަޖުރިބާގެ ބޭނުންކޮށް ވަރަށް ރަނގަޅަށް ޓީމު ލީޑުވެސް ކޮށްފަ އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކާއި ގައުމީ ޓީމުގައި ވެސް އޭދަފުށީ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ވެލެންސިއާގެ ޝާފިއު އަހުމަދު (ޝާފީ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެ އެވެ.