އެނބުރޭ ވައިރޯޅި
އެނބުރޭ ވައިރޯޅި

ބުދަ ދުވަހާ ގުޅޭ

ލޯމަރައިލައިގެން އޮތް ކުއްޖަކު ލޯހުޅުވާހެންނެވެ. ހައިފާ ލޯ ހުޅުވި އިރު އަހަންނަށް ބަލަން އޮވެވުނީތީ އެހެން ކަމެއް ވެސް އަހަންނަށް ފާހަގަކުރެވުނެވެ. ހައިފާގެ ލޮލަކު ނިންޖެއް ނެތެވެ. އުފާވެރިކަމެއް ނެތެވެ. ނަފުރަތެއް ވެސް ނެތެވެ. ހަމަ އެހެންމެ ހިތާމަވެރިކަމެއް ވެސް ނުމެ ނެތްމެއެވެ. ހީވާ ކަހަލައެވެ. އޭނަ ލޯހުޅުވީ ކޮންމެވެސް ކަމެއް ވެގެންނެވެ. އެހެނަސް އެ ކަމެއްގެ އަސަރު ހައިފާގެ މޫނުމައްޗަކުން ނުފެނެއެވެ. ލޯ ހުޅުވި ގޮތަށް އަހަންނަށް ބަލަހައްޓައިގެން އޮތީއެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. ނޭވާ ނުލާ ނަމަ އެއީ ބުދެކެވެ.

"ކިހިނެއްވީ؟" އަހަރެން ބޮލުގެ އިޝާރާތުން އެހީމެވެ.

ހައިފާ އެއްވެސް ޖަވާބެއް ނުދިނެވެ. އެއީ ހައިފާގެ މިޒާޖެއް ނޫނެވެ. ހަރަކާތް ހުއްޓިފައި ބަލަހައްޓައިގެނެއް ހައިފާއެއް ނޯންނާނެއެވެ.

"ދަރިފުޅާ!" އަހަރެން ވަރަށް ލޯބިން ގޮވައިލީމެވެ. "ބިރުގަންނަ ހުވަފެނެއް ފެނުނީތަ؟ ހާދަ ލަހަކުންނޭ ދަރިފުޅު މިއަދު ތި ހޭލީ."

ދެން ވެސް ހައިފާ އެއްޗެއް ނުބުންޏެވެ. ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން އޮތީއެވެ. ހައިފާ ކީއްކުރަން ހެއްޔެވެ؟ އެއީ އެ އުމުރުގެ އެއްވެސް ކުއްޖެއް ކަންތައް ކުރާނެ ގޮތެއް ނޫނެވެ. އަހަރެން ހިތަށްއެރިއެވެ. އަހަންނަށް ހޭލެވުމުގެ ކުރިން ހައިފާއާއި ޒުމްރާއާ ދެމެދު ކޮންމެވެސް ކުންޏެއް ޖެހުނީބާއެވެ.

"ދަރިފުޅާ!" އަނެއްކާ ވެސް އަހަރެން ވަރަށް އޯގާތެރިކޮށް ގޮވައިލީމެވެ. "މަންމަޔާ ދެ ކުދިން މައްސަލަޖެހުނީތަ؟ މަންމަ އެއްޗެކޭ ބުނީތަ؟"

އަހަރެން ވަރަށް ގިނަ ވާހަކަދެއްކީމެވެ. ހައިފާ ޖަވާބެއް ނުދިނެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ކޮންމެވެސް ކަމެއް ވެއްޖެޔޭ އަހަރެންގެ ހިތް ބުނަން ފެށިއެވެ. ކުއްލިއަކަށް ޒުމްރާ ފާހާނައިގެ ދޮރު ހުޅުވައިލިއެވެ.

"ކާކާ ތި ވާހަކަދައްކަނީ؟" އަހަރެން އެކަނި ވާހަކަދައްކާތީ ޒުމްރާ އެހިއެވެ.

އަހަރެން އަތުގެ އިޝާރާތުން ޒުމްރާއަށް ގޮވައިލީމެވެ. އަހަންނާއި ހައިފާ އޭރު ވެސް ތިބީ އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެންނެވެ. ހައިފާގެ މޫނަކުން އެއްވެސް އިހުސާސެއް އަހަންނަކަށް ނުފެނެއެވެ.

"ކިހިނެއްވީތަ؟" އަހަރެން ކައިރިއަށް އަންނަމުން ޒުމްރާ އެހިއެވެ.

އެނދު ކައިރިއަށް ޒުމްރާ ހުއްޓުމާއެކު ޒުމްރާއާ ދިމާއަށް ހައިފާ ބަލައިލިއެވެ. އަހަންނާ ދިމާއަށް ބެލި ނަޒަރުންނެވެ. ކަޅި ފިޔަވައި ހައިފާ އިތުރު ހަރަކާތެއް ނުކުރެއެވެ.

"ދަރިފުޅާ! ދެ ކުދިން މައްސަލަޖެހުނީތަ؟" ޒުމްރާ ވެސް ކުރީ އަހަރެން ކުރި ސުވާލެވެ. "ބައްޕަ ކީކޭ ބުނީ؟"

"އަހަރެން އެއްޗެކޭ ނުބުނަމޭ ޒުމްރާ!" ތެދުވެ އެނދުގައި އިށީންނަމުން އަހަރެން ބުނީމެވެ. "ހޭލި އިރު ވެސް އޭނަ އެހެން އޮތީ. އަހަރެން އަހާއަހާ ވެސް އެއްޗެއް ނުބުނި. ކިހިނެއްވެފަތަ އެ އޮތީ؟"

ޒުމްރާ ސީރިއަސްވިއެވެ. އެނދުގައި އިށީނދެފައި ހައިފާގެ ބޮލުގައި ފިރުމައިލިއެވެ. ގައިގައި ފިރުމައިލިއެވެ. ޒުމްރާއަކީ ހައިފާގެ ކަންކަމުގައި ވަރަށް އަވަހަށް ކަންބޮޑުވާ މަންމައެކެވެ.

"ދަރިފުޅާ!" ޒުމްރާ ވެސް ވާހަކަދެއްކީ ވަރަށް ލޯބިންނެވެ. "ކިހިނެއްވެފަ ތިއޮތީ؟ ތަނަކަށް ތަދުވަނީތަ؟"

ހައިފާ ވާހަކައެއް ނުދެއްކިއެވެ. އަހަންނާއި ޒުމްރާ އެތައް ފަހަރަކު ހައިފާއަށް ގޮވީމެވެ. އެތައް ވާހަކައެއް ދެއްކީމެވެ. ހައިފާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ހީވަނީ ބުދެއްހެންނެވެ. އެއް ފަހަރު އަހަންނަށް އަނެއް ފަހަރު ޒުމްރާއަށް ބަލަން އޮތީއެވެ. އަހަރެން ހައިފާގެ ކޮނޑުގައި ހިފައި ތަޅުވައިލީމެވެ.

"އަދިވެސް ރަނގަޅަށް ނެހޭލެވެނީބާ؟" އަހަރެން ބުނީމެވެ. "ދޭ ގެންގޮސް މޫނުދޮއްވާލަން."

"ހިނގާ މޫނު ދޮންނަން ދަރިފުޅާ!" ޒުމްރާ އެދުނެވެ.

ވަގުތުން ހައިފާ ތެދުވިއެވެ. ހީވަނީ ބެޓެރި ލައްވައިފައިވާ ބުދެއްހެންނެވެ. މަޑުމަޑުން ގޮސް ފާހާނަޔަށް ވަނެވެ. ޒުމްރާ ވެސް ފަހަތުން ދިޔައެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. އެއީ ފެށުމެވެ. ފާހާނައިގައި ހުރެގެން ވެސް ޒުމްރާ ވަރަށް ވާހަކަދެއްކިއެވެ. ހައިފާ އެއްޗެއް ބުނާ އަޑެއް ނީވެއެވެ. ފާހާނައިން ނުކުމެގެން އައިސް ހައިފާ އިށީނީ ކޮންޕިއުޓަރު މޭޒު ކައިރީގައި ހުރި ގޮނޑީގައެވެ. އަހަރުމެން ދެ މީހުން ހައިފާ ކައިރީގައި ތިބެގެން އެތައް ވާހަކައެއް ދެއްކީމެވެ. ޖަވާބެއް ނުދިން ތާނގައި ހައިފާ އެއްވެސް ހަރަކާތެއް ވެސް ނުކުރިއެވެ. އިށީނދެލައިގެން އިނީއެވެ. ކަޅި ހަރަކާތް ކުރެއެވެ. އެއް ފަހަރު އަހަންނަށް އަނެއް ފަހަރު ޒުމްރާއަށް ބަލައިލައެވެ.

"ދަރިފުޅު މިއަދު ކޯޗެއް ސައިބޯން ބޭނުމީ؟ ފުރަތަމަ ކުޅޭނީތަ؟ ޗޮކުލެޓެއް ގެނެސްދެން؟" ހައިފާއަށް ޖަވާބު ނުދީ ނުހުރެވޭނެ ކަހަލަ އެތައް ސުވާލެއް އަހަރެން ކުރީމެވެ. "ވިލިނގިއްޔަށް ދާން ބޭނުން؟ އައިސްކްރީމް ބޯނަން؟ ސައިކަލުދުއްވައިލަން ދޯ ދާނީ؟"

އަހަރެން ދެއްކި އެއްވެސް ވާހަކައެއް ހައިފާއަށް ނީވޭ ކަހަލައެވެ. ޒުމްރާއަށް ރޮވޭ ގޮތް ވިއެވެ. އެކަކުގެ ބަދަލުގައި ދެ މީހުންނަށް އަހަރެން އެހީވާން ޖެހުނެވެ. އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ޒުމްރާ ހަމައަކަށް އަޅުވައިފައި އަހަރެން ގޮސް މަންމަ ގާތުގައި އެ ވާހަކަ ބުނީމެވެ. އަހަރެންގެ މަންމައާއި ހައިފާއަކީ މާ އެކުވެރި ދެ މީހުންނެވެ. އަހަރެން ބުނެގެން ނުކުރާ ކަންކަން ވެސް މަންމަ ބުނީމައި ހައިފާ ކުރާނެއެވެ. އެކަމަކު މަންމަ އައިސް ވާހަކަދައްކައިގެން ވެސް ހައިފާ އެއްވެސް ހަރަކާތެއް ނުކުރިއެވެ. ހައިފާ ވަރަށް ގިނައިން މަންމަގެ ފޯނާ ކުޅޭނެއެވެ. ހައިފާ އުމުރުގެ ކުދިން ކުޅޭ ކަހަލަ ކުދިކުދި ގޭމު ވެސް މަންމަ ފޯނުގައި ހުންނާނެއެވެ. އެ ފޯނު ހައިފާއަށް ދިއްކުރީމަ ވެސް ހައިފާ "ދިރޭ ގޮތެއް" ނުވިއެވެ. މަންމަ ވާހަކަދައްކަން ފެށީމައި މަންމަގެ މޫނަށް ބަލައެވެ. އަހަރެން ވާހަކަދައްކަން ފެށުމުން އަހަރެންގެ މޫނަށް ބަލައެވެ. އެ ނިމުނީއެވެ.

ސައިބޯން ގެންދިޔުމުން ހައިފާ ކާން އުޅެއެވެ. ނުއެއް ކެވެއެވެ. ދެ ފަހަރަކު ރޮށިކޮޅެއް ކާލާ އިރަށް އޯކަށްދެމެއެވެ. ފެންފޮދެއް ބޯލިޔަސް ވަނީ އެހެންނެވެ. ހުމެއް ނާދެއެވެ.

"ކިހިނެއްވީތަ ދަރިފުޅާ؟" ތަންކޮޅެއް ބާރަށް އަހަންނަށް ބުނެވުނެވެ. "ވާހަކަދައްކަބަލަ!"

ހައިފާ ނުވެސް ސިހުނެވެ. ބިރެއް ވެސް ނުގަތެވެ. ރުޅިއެއް ވެސް ނައެވެ. ބާރަށް ވާހަކަނުދެއްކުމަށް މަންމަ އިޝާރާތްކޮށްލުމުން އަހަރެން ވެސް ރުޅިމަޑުކުރީމެވެ. ހަގީގަތުގައި އެއީ ނަފުރަތެއް ނޫނެވެ. ލޯތްބެވެ. ހުރީ އެންމެ ދަރިއެކެވެ. އެއްދުވަހު ނިދާ ހޭލި އިރު އެ ކުއްޖާފުޅުގެ އަޑު ގެއްލުމުން ދެރަނުވާނީ ކާކު ހެއްޔެވެ؟ ވީ ގޮތް ކިޔައިދޭން ހަމަ އެކަނި އެނގޭ މީހަކީ ހައިފާއެވެ. އަހާނީ އެހެން ކާކު ގާތުގައި ހެއްޔެވެ؟ އެންމެ ފަހުން އަހަރުމެން ނިންމީ އަޅާނުލައި ބަހައްޓާށެވެ. އިރުކޮޅަކުން ރަނގަޅުވެދާނެ ކަމަށެވެ. އެހެންނަމަވެސް ސިކުނޑިއަކަށް ލުޔެއް ނުލިބުނެވެ. އަހަރުމެން އަހަރުމެންނަށް އެ ވާހަކަ ނުދައްކަން އުޅުނަސް އެ ނޫން ވާހަކައެއް ނުދެއްކެއެވެ.

އަހަރެން އޮފީހަކަށް ނުދަމެވެ. ޒުމްރާއަކަށް ގަޔާވެގެން އެއްވެސް ކަމެއް ނުކުރެވެއެވެ. މަންމައަށް ވެސް އިނދެވެނީ ހައިފާއަށް ބަލަހައްޓައިގެންނެވެ. ދޭތެރެއަކުން އައިސް ކޮންމެވެސް ވާހަކައެއް ދައްކަން މަސައްކަތްކުރެއެވެ. ހައިފާގެ ދުލުން އެންމެ ލަފުޒެއް ވެސް ބޭރެއް ނުކުރިއެވެ.

މެންދުރުވިއެވެ. ހަވީރު ވިއެވެ. ސޯފާގައި އިށީނދެލައިގެން ހައިފާ އިނީއެވެ. ޓީވީއެއް ވެސް ނުބަލައެވެ. ޓެބްލެޓަކަށް ވެސް ޝައުގުވެރިކަމެއް ނެތެވެ. ނަސީބަކުން މަދުމަދުން ކައެވެ. އެހެނަސް ހައިފާ ކުރިން ކާ ވަރުގެ ދިހަ ބައިކުޅަ އެއްބައި ވެސް ނުކެވެއެވެ. ކުރިން ކޮންޓުރޯލުކޮށްގެން ހައިފާއަށް ގެނެސްދޭ ފޮނި ސާމާނުތައް ކުރިމަތީގައި އެތުރުމުން ވެސް އަޅައެއްނުލިއެވެ. އެހެނެއް ނުވާނެއެވެ. އަހަރެންގެ ހައިފާއަކީ ޗޮކުލެޓާއި އައިސްކިރީމަށް މަރެކެވެ. ކިތަންމެ ހިތްވަރުކުރިޔަސް އެއަށް ހައިފާ ނޫނެކޭ ނުބުނާނެއެވެ. އަހަރެންގެ ލޯ ކުރިމަތީގައި އިނީ އަހަރެންގެ ހައިފާއެއް ނޫނެވެ.

ދެ ނަމާދު ދޭތެރޭ ހައިފާ ނިދަން އުޅުނެވެ. މަންމަގެ އެދުމާއެކު އަހަރެން އެ ކަން ވިޔަކަ ނުދިނީމެވެ. އެ ކަން ކާމިޔާބުކުރަން ގަޑިއެއްހާ އިރު، މެދު ނުކެނޑި އަހަރެން މަސައްކަތް ކުރީމެވެ. ކޮންމެ ދުވަހަކު އަހަންނަށް އެހާ މަސައްކަތް ކުރެވޭނެބާއޭ ހިތަށްއެރިއެވެ. އަހަންނަކީ ވަރަށް ގިނަ ވަގުތު އޮފީހުގައި އުޅޭ މީހެކެވެ. އަހަރެންގެ އޮފީސް ހަވީރު ފަހެއްޖަހާ އިރަކު ނުލައްޕާނެއެވެ. ގިނަ ރޭރޭ އަހަރެން ގެއަށް އަންނަ އިރު ހުންނާނީ އެގާރަ ޖަހައި ބޮޑުވެފައެވެ. އެހެންނަމަވެސް ހައިފާއަށް ކުރިމަތިވެފައިވާ، ގޮތް ނޭނގޭ މައްސަލަ ޒުމްރާއާއި މަންމަގެ ބޮލަށް އެކަނި ޖަހާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ވަޒީފާއިން ކެނޑެންވީބާއޭ ވެސް ހިތަށްއެރިއެވެ. ދެން ހައިފާ ދުވަހަކު ވެސް ވާހަކައެއް ނުދައްކާނެ ހެއްޔެވެ؟ ހައިފާ މަންމަންވީ ހެއްޔެވެ؟ ސަބަބަކީ ކޮބައި ހެއްޔެވެ؟

ކުޅޭ އެއްވެސް އެއްޗެއްގައި ހައިފާ އަތެއް ނުލައެވެ. ރޭގަނޑު އަށެއްޖެހި އިރު ނިދަން އޮށޯވެއްޖެއެވެ. ޝަހާދަތާއި ކުރުސި ވެސް ޒުމްރާ ކިއެވެ. ހައިފާއެއް ނުކިޔައެވެ. އަހަރުމެންނަކަށް ކުރެވޭނެ ކަމެއް ނެތެވެ. ހައިފާ ނިދުމުން އަހަރުމެން ތިން މީހުން މަޝްވަރާކުރީމެވެ.

"ދެން މުޅި އުމުރަށް އެހެންބާ އޭނަ ހުންނާނީ؟" އަމިއްލަ ނަފުސާ މަންމަ ކުރި ސުވާލު އަހަރުމެންނަށް ވެސް އިއްވައިލިއެވެ.

"އެކަމަކު އެހެން ކިހިނެއް ވާނީ މަންމާ!" ޗޮކެއް ކަނޑައިފައި އަހަރެން ބުނީމެވެ. "ހަމަ ނުލާހިކު ރަނގަޅަށް ވާހަކަދައްކަދައްކާ ހުރި ކުއްޖެއް. ޓަސްލާފަ އެއް ދުވަހަކުން މަންމަނަކަށް ނުވާނެއްނު! އެއްވެސް މީހަކު އޭނަޔާ ދިމާއަށް އެއްޗެކޭ ބުނީކީ ނޫން. ދެރަވާ ކަހަލަ ކަމެއް ކުރީކީ ނޫން. މާދަމާ ހޭލާ އިރު، އިރާދަކުރެއްވިއްޔާ އޭނަ ހުންނާނީ ރަނގަޅުވެފަ."

މަންމަގެ ހިތުގައި އުފެދުނު ބިރަކީ އަހަރެންގެ ހިތުގައި ވެސް އުފެދުނު ބިރެކެވެ. އެ ކަމަށް އެއްބަސްވާން އަހަރެން ބޭނުން ނުވީއެވެ.

އެ ރޭ އަހަރުމެން ވެސް ނިދަން އޮށޯތީ ތަންކޮޅެއް އަވަހަށެވެ. ބޭނުންވީ ހައިފާ ފެންނަ ހިސާބުގައި ތިބޭށެވެ. ނިދަން ކޮޓަރިއަށް ވަދެފައި އަހަރެންގެ ވިސްނުން އެހެން ދިމާއަކަށް ދީލައިލެވުނެވެ. ހިތަށްއެރިއެވެ. އެއިން ދުވަހަކު ވެސް ގޭތެރެއިން އާދަޔާހިލާފު ކަމެއް ނޫނީ އެއްޗެއް ފެނުނު ހެއްޔެވެ؟ އަޑެއް އިވުނު ހެއްޔެވެ؟

"ޒުމްރާއަށް މީން ދުވަހަކު ވެސް މި ގެއިން އާދަޔާހިލާފު ކަމެއް ފެނުނުތަ؟" އަހަރެން ސުވާލުކުރީމެވެ. "ރަނގަޅަށް ވިސްނާލަބަލަ! ހަމަ ހުރެފަ ކުއްޖަކު ގަބެއް ނުވާނެ. އަހަންނަކަށް ގަބޫލެއް ނުކުރެވޭ!"

ޒުމްރާ ވިސްނައިލިއެވެ. ބަލި ހަނދާނެއް ޒުމްރާގެ ސިކުނޑީގައި ޓަކިޖަހައިލީ އެ ވަގުތުއެވެ.

ނުނިމޭ