13 މާޗް 2021 - 22:41

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 94 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 9،700 އަށް ވުރެ ގިނަ މީހުން ކޮވިޑުން ރައްކާތެރިވާން ވެކްސިން ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މާލެ ސަރަހައްދުން 5،859 މީހުން ކޮވިޑް ވެކްސިން ޖަހާފައި ވެ އެވެ. ރަށްރަށުން ވެކްސިން ޖަހާފައި ވަނީ 3،911 މީހުންނެވެ. އަންނަ ހޯމަ ދުވަހު 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުން މާލެ ސަރަހައްދުން މެދުކަނޑާލަން ނިންމުމުން، މިދިޔަ ހަފްތާގައި ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ ކުއްލިއަކަށް އިތުރު ވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު 6،015 މީހުން މާލެ ސަރަހައްދުން ވެކްސިން ޖެހި އެވެ. އަށް ސެންޓަރެއްގެ އިތުރުން ދެ މޯބައިލް ޓީމެއް ވެކްސިން ޖެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރެ އެވެ.
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަދު ހުރީ ދަށް ވެފަ އެވެ. އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 65 މީހުންނެވެ. ރަށްރަށުން 14 މީހުން ޕޮޒިޓިވްވެފައިވާ އިރު ރިސޯޓުތަކުން ޕޮޒިޓިވްވެފައި ވަނީ 15 މީހުންނެވެ.
ޖުމްލަ 4،626 ސާމްޕަލް އިން 94 މީހުން ޕޮޒިޓިިވްވުމުން، ޕޮޒިޓިވިޓީ ރޭޓް މި ވަގުތު ހުރީ 2.03 ޕަސެންޓުގަ އެވެ. މިއީ މި މަސް ފެށުނު ފަހުން އެންމެ ދަށް ޕޮޒިޓިވިޓީ ރޭޓް ހުރި ދުވަހެވެ. އެންމެ ހައި ޕޮޒިޓިވިޓީ ރޭޓެއް ފެނުނީ މި މަހުގެ ފުރަތަމަ ދުވަހެވެ. އެ ދުވަހު 4،247 ސާމްޕަލް ޓެސްޓުކުރި އިރު، 186 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އެހެންވެ، ޕޮޒިޓިވިޓީ ރޭޓް ހުރީ 4.38 ޕަސެންޓުގަ އެވެ.
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،438 މީހުންނެވެ. އޭގެ ތެރެއިން 136 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. އަދި 64 މީހަކު މި ބަލި ޖެހިގެން މަރުވެފައި ވެ އެވެ.
މިހާތަނަށް މި ބަލި ޖެހިގެން 64 މީހަކު މަރުވެފައި ވެ އެވެ.ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 21،467 އަށް އެރި އިރު، 198،206 މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ.