މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ބާއްވަން އުޅުނު މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މުޒާހަރާގެ ތެރެއިން ގެންދިޔަ 25 މީހުން ވެސް ދޫކޮށްލީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އަމަލު ކުރާ ގައިޑްލައިނާ ހިލާފުވެފައިވާތީ ޖޫރިމަނާކުރުމަށް ފަހުގައި ކަމަށެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވާ އިރު ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުމަކީ މިހާރު މަނާކަމެކެވެ.

އިއްޔެގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވަނީ މި ފަދަ މުޒާހަރާއެއްގެ ތެރެއިން މީގެ ކުރިން ވެސް ހައްޔަރުކޮށްފަ އެވެ.

އިދިކޮޅުން މިހާރު ކޮންމެ ހުކުރު ދުވަހެއްގައި ވެސް މުޒާހަރާ ކުރެ އެވެ. އިއްޔެގެ މުޒާހަރާ ހުއްޓުވުމަށް ވެސް ގިނަ އަދަދެއްގެ ފުލުހުން ނުކުތެވެ. ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގުތަކެއް މުޒާހަރާ ފެށުމުގެ ކުރިން ބަންދުކޮށްފަ އެވެ. އަދި މުޒާހަރާއަށް މީހުން އެއްވިޔަ ނުދޭން މަސައްކަތްކުރި އެވެ.

އިދިކޮޅު ފަރާތްތަކުން "މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި ކުރިޔަށް ގެންދާ މުޒާހަރާއަށް ފުލުހުން ހުރަސް އަޅާތީ އިންތިހާބަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ޕީޕީއެމް އިން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ. އެ ޕާޓީން ބުނީ މުޒާހަރާ ހުއްޓުވަން ޕާޓީގެ އޮފީސް ބަންދުކޮށް އެތަނަށް މުވައްޒަފުންނަށް ވެސް ނުވަދެވޭ ގޮތަށް ފުލުހުން ހުރަސްއަޅާ ކަމަށެވެ.