ސަލްމާންގެ "ރާދޭ" މެއި 13" އަށް ތާވަލުކޮށްފި
ސަލްމާންގެ "ރާދޭ" މެއި 13" އަށް ތާވަލުކޮށްފި

ކުރިން މިދިޔަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން އުޅުނު ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމުމަށް ފަހު، ފިލްމު ރިލީޒްކުރާ ތާރީހު އާ ޕޯސްޓަރަކާ އެކު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމު އަޅުވާނީ މެއި 13 ގަ އެވެ. އެއީ ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ރިލީޒްކުރުމުގެ އެއް ދުވަސްކުރި އެވެ.

އަބަދު ވެސް ފިތުރު އީދުގައި ފިލްމުތައް ގެނެސްދޭން ހާއްސަ ސަމާލުކަމެއްދޭ ސަލްމާންގެ ފިލްމާއި ޖޯންގެ ފިލްމެއް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށްދާ ގޮތަށް ގެނެސް ދިނުންވެގެން ދާނީ "ބޮކްސް އޮފީހުގެ ތަޅާލުންގަނޑެއް ވެސް" މި ފަހަރު ފެނިގެންދާނެ ކަމަކަށެވެ. މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށް ގެނެސްދޭ "ސަތިޔަމޭވް ޖަޔަތޭ 2" އަކީ 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ސީކްއެލް އެވެ.

"ރާދޭ" ގެ ބަތަލާ އަކީ ސަލްމާންގެ 2019 ގެ ފިލްމު "ބާރަތު" ގެ ރޯލެއް ވެސް ކުޅުނު ޑިޝާ ޕަޓާނީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފާއި ގޯތަމް ގްލާޓީ އާއި ޒަރީނާ ވައްހާބް ހިމެނެ އެވެ. އަދި ފިލްމުގެ އައިޓަމް ލަވައަކުން ޖެކްލިން ފެނަންޑޭޒް ވެސް ފެންނާނެ އެވެ.

"ރާދޭ" ގެ އިތުރުން ސަލްމާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" އަކީ ވެސް މި އަހަރު ރިލީޒްކުރާނެ ފިލްމެކެވެ. ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާފައި އޮތް އެ ފިލްމަކީ ސަލްމާނާއި ޅިޔަނު އާޔޫޝް ޝަރުމާއާ އެކު، މަހޭޝް މަންޖްރޭކަރް ހަދާފައިވާ ފިލްމެކެވެ.