13 މާޗް 2021 - 12:32

ރޯމް (މާޗް 13) - ކޮވިޑުގެ އާ ރާޅެއް އިޓަލީގައި ނަގާފައިވާ އިރު ފިޔަވަޅުތައް ހަރުކަށިކޮށް ގައުމުގެ ބޮޑުބައެއް ގާތްގަނޑަކަށް ލޮކްޑައުނަކަށް ދާން ނިންމައިފި އެވެ.
ހޯމަ ދުވަހުން ފެށިގެން ރެސްޓޯރެންޓްތަކާއި ސްކޫލްތައް އަދި ފިހާރަތައް ވަނީ ބަންދުކުރަން ނިންމައިފަ އެވެ. މަސައްކަތަށް ދިއުމަށާއި ހޮސްޕިޓަލަށް ދިއުން ފަދަ މުހިންމު ކަންކަމުގައި ނޫނީ މީހުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ. ބޮޑުވަޒީރު މާރިއޯ ޑްރާގީ ވަނީ ކޮވިޑުގެ އާ ރާޅެއްގެ އިންޒާރު ދެއްވައިފަ އެވެ.
"މި ފިޔަވަޅުތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި އިގްތިސާދަށް އަދި މީހުންގެ ނަފްސީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އީސްޓާގެ ތިން ދުވަސް ކަމަށްވާ އެޕްރީލް 3-5 އަށް ވަނީ ފުލް ލޮކްޑައުނަކަށް ދާން ނިންމައިފަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އިޓަލީ އަކީ އެންމެ ފުރަތަމަ ލޮކްޑައުން ކުރި ގައުމުތަކުގެ ތެރޭން ގައުމެކެވެ.
އިޓަލީގައި ވޭތުވެދިޔަ ހަ ހަފުތާ ތެރޭ ކޭސްތައް ދިޔައީ އިތުރުވަމުންނެވެ. ދުވާލަކު އެވްރެޖްކޮށް 25،000 މީހުން ޕޮޒިޓިވްވެ އެވެ. ގައުމުގެ ބޮޑު ބައެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަން ވަނީ ފުރެން ކައިރިވެފަ އެވެ. އިޓަލީން ވަނީ 3,175,807 މީހުން ޕޮޒިޓިވްވެ ލައްކައަކަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.