13 މާޗް 2021 - 12:14

ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދު ކްލަބް އީގަލްސް އަށް ބަދަލުވެއްޖެ އެވެ.
އަންނަ މަހު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ވާދަކުރަން މިހާރު ހުޅުވިފައި އޮތް ޓްރާންސްފާ މާކެޓްގައި އީގަލްސް އިން އަންނަނީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ރަނގަޅު ޑިފެންޑަރެއް ހޯދުމުގެ ގޮތުން އެލްސައީދު ގެނައީ އެވެ. ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތީ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ގަލޮޅު ދަނޑުގަ އެވެ.
މިދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ގުޅުމަށް ފަހު އެލްސައީދު ވަނީ އެ ޓީމު ފަހަތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަނުގައި ވެސް ގްރީން ސްޓްރީޓްސްގެ ގިނަ މެޗުތަކެއްގައި އޭނާ ވަނީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އެނގިފައިވާ ގޮތުގައި އޭއެފްސީ ކަޕަށް ނުކުންނައިރު އީގަލްސްގެ ބިދޭސީ ކުޅުންތެރިންނަށް ބަދަލު އަންނާނެ އެވެ. އެ ޓީމުން މި ފަހަރު ލީގުގައި މިހާތަނަށް ފެނުނު ބިދޭސީ ކުޅުންތެރިންނަކީ ބޮސްނިއާގެ ކީޕަރު މިލާން ޔެލޮވަކް އާއި ބުރްކީނާ ފާސޯގެ ޑިފެންޑަރު އިސްމާއިލް ޔަނޯގޯ، ޔަމަނުގެ މިޑްފީލްޑަރު އޮސާމާ އަންބާރު އަދި މިސްރުގެ ފޯވާޑް މުހައްމަދު އޮސާމާ އެވެ. މި ހަތަރު ކުޅުންތެރިންގެ ތެރެއިން ދެން އީގަލްސްގައި މަޑުކުރާނެ ކަމަށް ބެލެވެނީ މިސްރުގެ އޮސާމާ އެވެ. އޭނާ އަންނަނީ ޓީމުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވަމުންނެވެ.
އީގަލްސް އިން މި ސީޒަން ފެށީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. އެއްވެސް ބިދޭސީ ކުޅުންތެރިއަކު ނެތި މާޒިޔާ ބަލިކޮށް އީގަލްސް އިން ޗެރިޓީ ޝީލްޑް އުފުލާލި އެވެ. އެކަމަކު އޭގެ ފަހުން ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުނުއިރު، އީގަލްސްގެ ކޯޗުކަމުން ފުރަތަމަ ބުރު ނުނިމެނިސް މޯހަން ވަކިވި އެވެ. އީގަލްސް އަށް އެ ފަހުން ކުޅުނު ދެ މެޗުގައި އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.
ރަސްމީކޮށް އީގަލްސް އިން ހަމަޖެއްސި ކޯޗަކީ ރާއްޖޭން އެންމެ ފުރަތަަމަ ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. މިދިޔަ ސީޒަނުގައި ޓީސީ ގޮވައިގެން އޭއެފްސީ ކަޕްގައި ކުޅުނު ޝާޒް އީގަލްސްއާ ހަވާލުވި ފަހުން ރަސްމީކޮށް މެޗެއް ނުކުޅެ އެވެ. އެއީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅިި ފިޔަވަޅާ އެއްގޮތަށް މިދިޔަ މަހު ތިން ވަނަ ދުވަހު ލީގު މެދުކަނޑާލާފައިވާތީ އެވެ. ހާއްސަ ގައިޑްލައިނެއްގެ ދަށުން ކްލަބްތަކުން އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. ލީގު ފެށޭތޯ މަސައްކަތްކުރަނީ މި މަހު ފަހުކޮޅުގައި ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް އަންނަ މެއި މަހު ހޯސްޓްކުރާނީ ރާއްޖޭންނެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިންގައި ރާއްޖޭގެ އީގަލްސްގެ އިތުރުން އިންޑިއާގެ ބެންގަލޫރާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރެ އެވެ.