ވެކްސިން ޖެހުން ލަސްކުރެވުނީތީ ހިތާމަ ކުރަން: އާޒިމް
ވެކްސިން ޖެހުން ލަސްކުރެވުނީތީ ހިތާމަ ކުރަން: އާޒިމް

ވެކްސިން ނުޖެއްސެވުނީމައި މިހާރު ހިތާމަ ކުރައްވާ ކަމަށާއި އެންމެން ވީހާވެސް އަވަހަކަށް ކޮވިޑް-19އިން ދިފާއުވުމަށް ދޭ ވެކްސިން ޖެހުމަށް، އެ ބަލި ތަހަމައްލު ކުރައްވަމުން އަންނަ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

އާޒިމަށް ބަލި ޖެހިވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ބަލީގައި އާޒިމަށް ތަޖުރިބާކުރެއްވުނު ކަންކަން ހިއްސާކުރައްވަން އާއްމުކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ބަލި ޖެހުނުތާ މިއަދު ފަސް ވަނަ ދުވަސް ކަމަށާއި "މިއަދު ތަންކޮޅެއް ލުއި" ކަމަށެވެ. އެކަމަކު ވެކްސިން ނުޖެހުމުގެ ދެރަ އާއި ހިތާމަ ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އާދޭހަކީ އެންމެން އަވަހަށް ގޮސް ވެކްސިން ޖެހުން. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ،" މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި އަންނަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންނެވެ. ފުރަތަމަ ޑޯޒަށް ފަހު ވެސް ބައެއް މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އޭގެ އެއް ސަބަބަކީ ކުރިން ބައްޔަށް ހުށަހެޅިފައި ހުރުމެވެ. ވެކްސިން ޖަހާއިރު ކޮވިޑް ޖެހިފައި ހުރެއްޖެ ނަމަ އޭގެ ފައިދާއެއް ނުކުރާނެ އެވެ. ކޮވިޑް ވެކްސިން މަސައްކަތް ކުރުމަށް ވެސް ވަގުތު ނަގަ އެވެ. އަދި ފުރަތަމަ ޑޯޒުން އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭނެ ކަމަށާއި އެހެންވެ، ދެ ވަނަ ޑޯޒާ ހަމައަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ތަޖުރިބާކާރުން އިލްތިމާސް ކުރެ އެވެ.

އިއްޔެގެ ނިޔަލަށް އެއް ލައްކައަށް ވުރެ ގިނަ މީހުން މާލޭން ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ. އަދި މުޅި ރާއްޖެއިން 186،930 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.