ޕާކިސްތާނުގެ ސެނެޓަށް ޗެއާމަން ހޮވުން: ޖާސޫސީ ކެމެރާ ހަރުކުރިކަމުގެ ތުހުމަތު
ޕާކިސްތާނުގެ ސެނެޓަށް ޗެއާމަން ހޮވުން: ޖާސޫސީ ކެމެރާ ހަރުކުރިކަމުގެ ތުހުމަތު

އިސްލާމްއާބާދު (މާޗް 13) - ޕާކިސްތާނުގެ ސެނެޓުގެ ޗެއާމަން ހޮވަން ބޭއްވި އިންތިޚާބުގައި ވޯޓިން ބޫތު ތެރޭގައި ޖާސޫސީ ކެމެރާ ހަރުކޮށްފައި ހުރިކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކޮށްފި އެވެ.

ބޮޑުވަޒީރު އިމްރާން ޚާންގެ ޕަކިސްތާން ތަހުރީކީ އިންސާފް (ޕީޓީއައި) އާއި އިދިކޮޅު ކޯލިޝަނުން ގެންދަނީ އެކަމުގެ ތުހުމަތު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. ސެނެޓުގެ ޗެއާމަންގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ސަރުކާރު ކެންޑިޑޭޓް ސިއްދީގު ސަންޖްރާނީ އެވެ. މިއީ ގިނަ ބަޔަކު ބުނާ ގޮތުގައި އިމްރާން ޚާންގެ ލީޑަޝިޕުގެ ޓެސްޓެކެވެ. އިދިކޮޅުން ވާދަކުރެއްވީ ޕާކިސްތާން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީ އެވެ. ޑެޕިއުޓީ ޗެއާމަނަކަށް އިންތިޚާބުވީ ބިލިއަނަރު މިރްޒާ މުހައްމަދު އަފްރީދީ އެވެ.

ޕާލަމެންޓުގެ މަތީގޭގެ ޗެމްބަރުގައި އިދިކޮޅު ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ސެނެޓަރު ރަޒާ ރައްބާނީ ވަނީ ވޯޓިން ބޫތުގައި ކެމެރާ ހުރިކަމުގެ މައްސަލަ ނަންގަވައި އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވަނީ އެކަން ތަހުގީގު ކުރަން ގޮވާލައްވައިފަ އެވެ.

ޕީޕީޕީގެ އެހެން މެންބަރެއް ކަމަށްވާ މުސްތަފާ ނަވާޒް ޚޯޚަރު ވަނީ ބޫތުގައި ހަރުކޮށްފައިވާ ކެމެެރާގެ ފޮޓޯއަކާ އެކު ޓްވީޓް ކުރައްވައިފަ އެވެ.

ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ފަވާދު ހުސައިން ވިދާޅުވީ ކެމެރާތަކަކީ އިމާރާތުގެ ސީސީޓީވީ ސެކިއުރިޓީގެ ބައެއް ކަމަށެވެ. ނަމަވެސް އިންފޮމޭޝަން މިނިސްޓަރު ޝިބްލީ ފަރާޒް ވަނީ އެއީ އިދިކޮޅު ފަރާތްތަކުން ހަރުކުރި އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.

ޑޯން ނޫހުން ބުނީ ވޯޓުލުން ފަހުން ކުރިއަށް ގެންދިޔައީ ކެމެރާ ހަރުކޮށްފައި ހުރި ބޫތު ނެގުމަށް ފަހު އެހެން ބޫތެއް ބެހެއްޓުމަށް ފަހު ކަމަށެވެ.