12 މާޗް 2021 - 23:44

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމުން އދ. ފެންފުށި މޮނިޓަރިންއަށް ލައިފި އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ބުނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ފެންފުށީ ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެހެންވެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށަށް އަރައި ފޭބުން މަނާވާނެ އެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑަށް ޓެސްޓްކުރި 3،462 ސާމްޕަލްގެ ތެރެއިން 114 ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މާލޭން 86، ރަށްރަށުން 14 އަދި ރިސޯޓްތަކުން ވެސް 14 ކޭސްއާ އެކު މިއަދު ވަނީ މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 21،382 އަށް އަރައިފަ އެވެ.
ބަލިން ރަނގަޅުވި 18،780 މީހުންނާއި މަރުވި 64 މީހުން އަދި ރާއްޖޭން ފުރައިގެން ގޮސްފައިވާ މީހުން ނުހިމަނައި މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،531 އެވެ.