12 މާޗް 2021 - 22:36

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އާބާދީގެ 35 ޕަސެންޓް މީހުންނަށް މިހާތަނަށް ދީފައި ވާއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ކޮވިޑްގެ ކޭސްތަކާ އަޅާބަލާއިރު ނިސްބަތުން ދަށްވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް ހޮސްޕިޓަލްގެ އެނދުތައް ފުރިދާނެ ކަމުގެ ކަންބޮޑުވުމުން މި މަސް ފެށުނުއިރު ވެސް އޮތެވެ. އޭރު ކޮންމެ ދުވަހަކު 100 އިން މަތިން ކޮވިޑަށް ޕޮޒިޓިވްވަމުން ދިޔައިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ އަދަދު ވެސް ދިޔައީ މަތިވަމުންނެވެ.
މި މަސް ފެށުނު އިރު 181 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ނަމަވެސް މިއަދު އެ އަދަދު ވަނީ 133 އަށް ދަށްވެފަ އެވެ. މިއީ މި އަދަދު މި ފަހުން 150 އިން ދަށްވި ފުރަތަމަ ފަހަރެވެ. އެކަމަކު މި މަހުގެ މިހާތަނަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 132 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.
ވެކްސިންގެ އެންމެ ޑޯޒަކާ އެކު ވެސް ބަލީގައި ބޮޑުވަރުވުމުން ދުރުކޮށްދީ އަދި ނަތީޖާއެއްގެ ގޮތުން، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް އެކި ގައުމުތަކުގެ ތަޖުރިބާއިންނާއި ދިރާސާތަކުން ވަނީ އެނގިފަ އެވެ. އެކަމަކު ރާއްޖޭގައި މި ބަދަލު ފެންނަނީ ވެކްސިންގެ ސަބަބުން ކަމެއް ނުވަތަ އެހެން ސަބަބަކާ ހެދި ކަމެއް އެޗްޕީއޭއަކުން އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑަށް ޓެސްޓްކުރި 3،462 ސާމްޕަލްގެ ތެރެއިން 114 ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މާލޭން 86، ރަށްރަށުން 14 އަދި ރިސޯޓްތަކުން ވެސް 14 ކޭސްއާ އެކު މިއަދު ވަނީ މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 21،382 އަށް އަރައިފަ އެވެ.
ބަލިން ރަނގަޅުވި 18،780 މީހުންނާއި މަރުވި 64 މީހުން އަދި ރާއްޖޭން ފުރައިގެން ގޮސްފައިވާ މީހުން ނުހިމަނައި މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،531 އެވެ.
ހުކުރު ދުވަހު މާލޭގައި ކޮވިޑް ވެކްސިން ނުދޭތީ މިއަދު މާލޭން އެއްވެސް މީހަކަށް ވެކްސިނެއް ނުދެ އެވެ. އެކަމަކު ރަށްރަށުން 1،506 މީހަކަށް ދިން ވެކްސިންނާ އެކު މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 188،436 އަށް އަރައިފަ އެވެ. މިއީ ރާއްޖޭގެ އާބާދީގެ 35.49 ޕަސެންޓެވެ.
މި މަހުގެ މިހާތަނަށް ބަލާއިރު 45،386 ސާމްޕަލް ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. އޭގެ ތެރެއިން 1،589 މީހަކު ޕޮޒިޓިވް ވެފައި ވާތީ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް މި މަހު މިހާތަނަށް ހުރީ 3.5 ޕަސެންޓުގަ އެވެ.