ނެޓްފްލިކްސްގެ ޕާސްވޯޑް ޝެއާކުރުން ހުއްޓުވަން ވިސްނަނީ
ނެޓްފްލިކްސްގެ ޕާސްވޯޑް ޝެއާކުރުން ހުއްޓުވަން ވިސްނަނީ

އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް ބޭނުންކުރާ މީހުން އެކި މީހުންނާ ޕާސްވޯޑް ޝެއާކުރުން އިތުރުވެފައި ވާތީ އެކަން ހުއްޓުވާނެ ގޮތެއް ޓެސްޓްކުރަން ފަށައިފި އެވެ.

ނެޓްފްލިކްސް އިން މިކަން ކުރާކަން އެނގުނީ ނެޓްފްލިކްސް ބޭނުންކުރާ ބައެއް މީހުންގެ ސްކްރީނުން، އެކައުންޓް ބޭނުންކުރާ މީހާއާ އެކު އުޅޭ މީހަކަށް ނުވާ ނަމަ އަމިއްލަ އެކައުންޓެއް ހުޅުވައިގެން ނޫނީ ނުބެލޭނެ ކަމަށް ބުނާ މެސެޖެއް އަންނަން ފެށުމުންނެވެ.

ނެޓްފްލިކްސް އިން ބީބީސީ އަށް ބުނީ މިއީ އެކައުންޓް ބޭނުންކުރުމުގެ ހުއްދަ އޮތް މީހުން ނޫން އެހެން މީހުން އެކައުންޓް ބޭނުންކުރުން ހުއްޓުވަން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މިގޮތަށް އާންމުކޮށް އެންމެންނާ މެދު އަމަލުކުރަން ނިންމާނީތޯ އަދި ކަނޑަނާޅާ ކަމަށް ވެސް ނެޓްފްލިކްސްގެ ތަރުޖަމާނު ބީބީސީ އަށް ވިދާޅުވެފައިވެ އެވެ.

މިހާރު ޓެސްޓްކުރަމުން އަންނަ ފީޗާގައި، އެ މީހަކީ އެކައުންޓް ބޭނުންކުރުމުގެ ހުއްދަ އޮތް މީހެއްކަން ކަށަވަރު ކުރަނީ ޓެކްސް މެސެޖަކުން ނުވަތަ އީމެއިލެއް މެދުވެރިކޮށެވެ.

ނެޓްފްލިކްސްގެ އިތުރުން އެޗްބީއޯ ގޯ، އެމެޒޯން ޕްރައިމް އަދި ޑިޒްނީ ޕްލަސް ފަދަ ސްޓްރީމިން ޕްލެޓްފޯމްތަކުގައި ވެސް އެއް އެކައުންޓަކުން އެތައް ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ހުރެ އެވެ. އެކަމަކު އެ ބޭނުންކުރުމުގެ އުސޫލުގައި އެކަމަށް ހުއްދަ އޮންނާނީ ގޭގައި އުޅޭ މީހުންނަށް ކަމަށް ބުނެފައިވެ އެވެ.

ނެޓްފްލިކްސް އަށް މިދިޔަ އަހަރު އިތުރު 37 މިލިއަން ކަސްޓަމަރުން ލިބި އެ ބޭނުންކުރާ މީހުންގެ އަދަދު ވަނީ 200 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.