އެޕަލްގެ ސިއްރު ލީކުކުރި ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
އެޕަލްގެ ސިއްރު ލީކުކުރި ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި

އެޕަލްގެ ސިއްރު މައުލޫމާތުތަކާއި ކުންފުނީގެ އާ އުފެއްދުންތަކެއްގެ މައުލޫމާތު އަމިއްލަ ފައިދާއަށްޓަކައި މީޑިއާއަކަށް ވިއްކައިލި ކަމަށް ބުނާ މައްސަލައެއްގައި، އެތަނުގައި 11 އަހަރު މަސައްކަތްކުރި ކުރީގެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

އެޕަލްގެ ސިއްރު ލީކުކުރި ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
އެޕަލްގެ ސިއްރު ލީކުކުރި ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި

އެޕަލްގެ މެކްބުކް ޑިޒައިންކުރުމުގައި އިސް ރޯލެއް އަދާކުރި އަދި ކުންފުނީގެ ޕްރޮޑަކްޓް ޑިޒައިނާއި އެޑްވާންސް މެޓީރިއަލް ލީޑެއްގެ ގޮތުގައި މަސައްކަތްކުރި ސައިމަން ލަންކޭސްޓާ އަށް ދައުވާކުރަން އެޕަލް އިން ހުށަހެޅީ ކޯލިފޯނިއާ ސެން ޖޯޒް ޑިވިޝަންގެ ކޯޓަށެވެ. އޭނާ އެޕަލްއާ ގުޅުނީ 2008 ގަ އެވެ. އަދި ރަސްމީކޮށް އެޕަލްގެ ވަޒީފާ ދޫކޮށްލީ ނޮވެމްބަރު 1، 2019 ގަ އެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައި ވަނީ އެޕަލްގެ "ޕްރޮޖެކްޓް އެކްސް" އާ ބެހޭ ވަރަށް ގިނަ މައުލޫމާތުގެ ބޭނުން އަމިއްލަ ފައިދާ އަށް ބޭނުންކޮށް، އެ މައުލޫމާތުތައް މީޑިއާގައި މަސައްކަތްކުރާ މީހަކަށް ވިއްކާލާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން އެޖެންސީއަކަށް ނިސްބަތްވާ މީހެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

އެޕަލް އިން ސައިމަން އަށް ކުރާ ދައުވާގައި ބުނެފައި ވަނީ އޭނާ އެޕަލް އިން "ވައްކަންކުރީ" އަމިއްލަ އަށް އުފައްދަން އުޅުނު ކުންފުންޏަކަށް ފަންޑް ވެސް ހޯދުމުގެ ބޭނުމުގައި ކަމަށާއި އޭނާ އެޕަލް ދޫކޮށްލި ވާހަކަ މީޑިއާތަކުގައި "ބޮޑުކޮށްލައިގެން" ގެނެސްދިނުމުން ކުންފުންޏަށް މިލިއަން ޑޮލަރުގެ ފަންޑް ވެސް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން މީޑިއާ ކޮރެސްޕޮންޑެންޓާ 2018 އިން 2019 އާ ހަމައަށް އެޕަލްގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެޕަލް އިން ބުންޏެވެ.

އެ ދެ މީހުންގެ ދޭތެރޭގައި ހިންގި މުއާމަލާތްތަކުގައި އޮކްޓޯބަރު 2019 ގައި ކުންފުނި ދޫކޮށްލާނެ ކަމަށް ސައިމަން ކޮރެސްޕޮންޑެންޓް ގާތު ބުނެ އެކަމާ ބެހޭ ބޮޑު އާޓިކަލްއެއް ވެސް ލިޔަން އެދުނު ކަމަށް ބުނެފައިވެ އެވެ. އަދި އެ އާޓިކަލް ގެނެސްދޭން ވާނީ "12 އަހަރު ވަންދެން އެޕަލްގައި މަސައްކަތްކުރި ތަޖުރިބާކާރު މުވައްޒަފަކު އަމިއްލަ ކުންފުންޏެއް ހަދަން އެޕަލް ދޫކޮށްލި" ކަމަށް ބުނާ ސުރުހީއަކާ އެކީގައި ކަމަށް ވެސް އެޕަލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ސައިމަން އެޕަލް އިން ވަކިވާން ހުށަހެޅީ އޮކްޓޯބަރު 15، 2019 ގައި ކަމަށާއި އޭގެ ފަހުން ވެސް "ޕްރޮޖެކްޓް އެކްސް" އާ ބެހޭ މައުލޫމާތު އިތުރަށް ހޯދަން އޭނާ އެ ޕްރޮޖެކްޓާ ގުޅޭ ބައްދަލުވުންތަކަށް ވެސް ހާޒިރުވި ކަމަށެވެ. އަދި ނޮވެމްބަރު 1 ގައި ކުންފުނި ދޫކޮށްލުމުގެ ކުރިން ވެސް އެޕަލްގެ ބައެއް މައުލޫމާތުތައް "ވަގަށްނަގަން" މަގާމުގެ ބާރު ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.

އެޕަލް އިން ބުނީ މިކަންކަމަށް ބަލައި ސައިމަން އަށް ދައުވާކުރަން ނިންމީ ކޮންމެ ދުވަހަކު ވެސް އެޕަލްގެ އެތައް ހާސް މުވައްޒަފުންތަކެއް ކުރާ މަސައްކަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފައިވާތީ އެވެ.

"އަހަރެމެންގެ އައިޑިއާތަކާއި އަހަރެމެންގެ މައުލޫމާތުތައް ވަގަށް ނަގައިގެން އަމިއްލަ ފައިދާ އަށް މީހަކު މަސައްކަތްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެންވީމަ އަހަރެމެންގެ އުފެއްދުންތަކަށް ކަސްޓަމަރުން ކުރާ އިތުބާރާއި މުވައްޒަފުން ކުރާ މިންނެތް ބުރަ މަސައްކަތާއި އެ މީހުންގެ ހައްގުގައި ވެސް ކުންފުޏަށް ހަރާންކޯރުވާ މުވައްޒަފަކަށް ދައުވާކުރުމަކީ ކުރަން ޖެހޭ ކަމެއް،" އެޕަލް އިން ބުންޏެވެ. "އަދި މިފަދަ މައްސަލަތައް އަބަދު ވެސް އަހަރެމެން ވަރަށް ސީރިއަސްކޮށް ނަގާނަން."