12 މާޗް 2021 - 16:41

ޢަދުލު އިންސާފާއި ހައްގަށް ތަބާވުމާއި އަމާނާތްތެރި ކަމަކީ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި ވެސް ވަރަށް މުހިންމު އުސޫލުތަކެކެވެ. އަޚްލާޤީ ރިވެތި ސިފަތަކެކެވެ. މިކަމުގައި ވަކި ދާއިރާއެއް އިސްތިސްނާއެއް ނުވެ އެވެ. މިގޮތުން ޢިލްމީ ދާއިރާގައި ވެސް މި އުސޫލުތަކާއި ސިފަތައް ދެމިހުރުން ލާޒިމެވެ. އަދިކިއެއްތަ، އެހެން ހުރިހާ ދާއިރާއަކަށް ވުރެ ވަރުގަދައަށް މިދާއިރާގައި އިންސާފާއި އަމާނާތްތެރިކަން މުހިންމެވެ.
ޢިލްމީ ދާއިރާގައި އިންސާފާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ނެތިއްޖެ ނަމަ އެއަށް ޢިލްމޭ ނުވެސް ކިޔޭނެ އެވެ. ޢިލްމު ހޯދުމުގައާއި އުފެއްދުމުގަ އާއި ފޯރުކޮށްދިނުމުގައި ވަކި އަތަކަށް ތަޢައްޞުބުވެ ހަވާނަފްސު އެދޭގޮތަށް ދާންވެއްޖެ ނަމަ ޢިލްމުގެ ބަދަލުގައި ހޯދޭނީ ނުވަތަ އުފެއްދޭނީ ނުވަތަ ފޯރުކޮށްދެވޭނީ ޖާހިލުކަމެވެ. އަލްއިމާމް އައްޝާޠިބީ ވިދާޅުވެފައި ވެ އެވެ. "ދަލީލުތަކުގެ މުޤައްދިމާތައް އެއީ ހަވާނަފްސު ކަމަށް ވެއްޖެ ނަމަ އެ ދަލީލުތަކުގެ މައްޗަށް ބިނާކޮށް އުފެއްދޭ ކޮންމެ އުފެއްދުމަކީ ހަވާނަފްސަށް ތަބާވުން ކަމުގައި ނޫނީ ނުވާނެ އެވެ." (އަލްމުވާފަޤާތު)
ޢިލްމީ ދާއިރާގައި އިންސާފުން އެއްކިބާވެ، ވަކިއަތަކަށް ތަޢައްޞުބުވެ، އެހެން ރައުޔުތަކަށް އިޢުތިރާފުނުވާން މެދުވެރިވާ ސަބަބުތަކެއް ހުރެ އެވެ. މިއިން ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ތިމާގެ ރައުޔު ނުވަތަ ތިމާ ތާއީދުކުރާ ފިރުޤާ ނުވަތަ މަޛުހަބު ނުވަތަ ޖަމާޢަތުގެ ރައުޔު އެކަނި ސައްހަކަމަށް ދައުވާކޮށް އެއަށް ނަސްރުދިނުމުގެ ނަމުގައި ކުރާ ބޭއިންސާފު ކޮންމެ ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިގޮތުން ނަޒާހަތްތެރިކަމާއި ސައްހަކަމާއި ގަދަރުވެރިކަމާއި ޢިލްމީވަންތަކަން ތިމާއަށާއި ތިމާ ތާއީދުކުރާ ފަރާތްތަކަށް އެކަނި ނިސްބަތް ކުރަން ކުރެވޭ މަސައްކަތްތައް ހިމެނެ އެވެ. އަދި ތިމާއާ ރައުޔުގެ ގޮތުން ތަފާތުވާ ކޮންމެ ރައުޔެއް އެއީ ނެތް ރައުޔެއް ކަމަށް ދައްކަން، ޢިލްމީ އަމާނާތްތެރިކަމާ ދުރުން ކުރާ ކޮންމެ ކަމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިގޮތުން ހުރިހާ އައިބަކާއި، މަގުން އެއްކިބާވުމަކާއި، އަގެއް ނެތުން މިފަރާތްތަކަށް އެކަނި ނިސްބަތްކުރަން ކުރެވޭ މަސައްކަތްތައް ހިމެނެ އެވެ.
އަލްއިމާމް އިބްނުލްޤައްޔިމް ވިދާޅުވާ ގޮތުގައި "ޙައްޤަށް ވާސިލުވުމަކީ އެމީހަކަށާއި އެމީހެއްގެ މަޛުހަބަށް ނުވަތަ ޖަމާޢަތަށް އެކަނި ވަޤްފު ކުރެވިފައިވާ ކަމެއް ކަމަށާއި، އެހެންމީހުންނަށް (ވަކިން ޚާއްޞަކޮށް ހައްގާއި ސައްހަގޮތަށް އެންމެ ގާތްކަން ބޮޑު މީހުންނަށް ވެސް) ބަންދުކުރެވިފައިވާ ކަމެއް ކަމަށް ދެކޭ މީހުންނަކީ ވަރަށް ގިނަ ހެޔޮކަމުން މަޙްރޫމް ވެގެންވާނެ މީހެކެވެ. އަދި ވަރަށް މަތިވެރި ހިދާޔަތެއް ގެއްލިފައިވާ މީހެކެވެ." (މިފްތާޙު ދާރުއްސަޢާދާ)
އިސްލާމީ ތާރީޚަށް ބަލައިލާ އިރު މިދެންނެވި ފަދަ، ހައްގާއި އިންސާފުން ބޭރު ބަހުސްތަކާއި ރައްދުތަކާއި ޖަވާބުތައް ސުންނީންނާއި ޝީޢީންގެ މެދުގައި ވެ އެވެ. މުޢުތަޒިލާއިންނާއި އަޝާޢިރާއިންގެ މެދުގައި ވެ އެވެ. ޞޫފީންނާއި ސަލަފީންގެ މެދުގައި ވެ އެވެ. އަދި ބައެއް ފިޤުހީ މަޒުހަބުތަކުގެ މެދުގައި ވެސް ވެ އެވެ. މީގެ އިތުރުން ފަރުދީ ގޮތުން އެކި ޢިލްމުވެރިންގެ މެދުގައި ވެސް ވެ އެވެ. މިތަނުގައި މިއިޝާރާތް ކުރާ ހައްގާއި އިންސާފުން ބޭރު ކަންކަމަކީ ޤުރްއާނާއި ސުންނަތުގެ އަލީގައި ކަނޑައެޅިގެން ބަލައިނުގަނެވޭނެ ސައްހަ ސަރީހަ ކަންކަމެވެ. އެއްގޮތަކަށް ވެސް މި ފިރުޤާތަކާއި މަޛުހަބުތަކާއި ޖަމާޢަތްތަކުގެ މެދުގައި ބަދަލު ކުރެވޭ ޢިލްމީ ފިކުރީ ބަހުސްތަކާއި އޭގެ ނަޒާހަތްތެރި ރައްދުތަކާއި ބަރީއަ ޖަވާބުތަކުގެ ވާހަކައެއް ނޫނެވެ. އެހެނީ މިފަދަ މަސައްކަތަކީ އިސްލާމް ދީން އެއަށް ތަރުޙީބުދޭ ކަންކަމެވެ. ކޮންމެ ޒަމާނަކަށާއި ކޮންމެ ތަނަކަށް އިސްލާމް ދީން ފެތެނީ މި އިސްލާމީ ހަރަކާތުގެ ސަބަބުންނެވެ. އެހެންވެ މިކަން ވެގެން ދަނީ ދީނަށްޓަކައި ވަރަށް ދުޅަހެޔޮ އަދި އެހާމެ އެދެވިގެންވާ ހަރަކާތެއްގެ ގޮތުގަ އެވެ.
ވީމާ މިފަދަ އިޚްތިލާފުތަކުގެ ތެރެއިން އިންކާރު ކުރަން ޖެހެނީ ޤުރްއާނާއި ސުންނަތުގެ އަލީގައި ކަނޑައެޅިގެން ބަލައިނުގަނެވޭނެ ކަންކަމެވެ. އެއީ ސައްހަ ސަރީހަ ދަލީލުތައް އެކަންކަން ބަލައިނުގަތުމަށް ލިބެން ހުންނާތީ އެވެ. މިފަދަ ކަންކަމުގައި ކޮންމެ ބައެއް ނަމަވެސް ހައްގަށް ނުވަތަ އިންސާފަށް ރުޖޫޢަވާން ޖެހޭނެ އެވެ.
ނަމަވެސް މިއާ ޚިލާފަށް، ހައްގާއި އިންސާފު އެކުލެވޭ ކަމަށް ބޮޑަށް ބުރަވެވޭ ކަންކަމާއި، ބޮޑަށް ބުރަވެވެން ނެތަސް ހައްގާއި އިންސާފަށް ވުމުގެ ފުރުސަތު އެއިން ގެއްލިގެން ނުދާކަންކަން އިންކާރު ކުރުމުގެ ހައްގު އެއްވެސް މީހަކަށް އަދި ބަޔަކަށް ނުލިބޭނެ އެވެ. ސަބަބަކީ ޞައްހަކަމާއި ޞަރީހަ ކަމަށް މިއިން އެއްވެސް ރައުޔަކަށް ދަލީލު ދެއްކެން ނެތުމެވެ. އަދި ބޮޑަށް ބުރަވުން ވެސް، ބުރަނުވެވުން ވެސް ބިނާވެފައި ވަނީ ޢިލްމީގޮތުން ކުރެވުނު އިޖުތިހާދުގެ މައްޗަށް ކަމަށްވާތީ އެވެ. އަދި ކޮންމެ ބައެއް ވެސް އެކަންކަން ދިރާސާކޮށްފައިވަނީ ހަމަ ޤުރްއާނާއި ސުންނަތުގެ އަލީގައި ކަމަށް ވާތީ އެވެ.
ވީމާ މިފަދަ ކަންކަމުގައި ތިމާއަށް ނުވަތަ ތިމާ ތާއީދުކުރާ މަޛުހަބަށް ނުވަތަ ޢިލްމުވެރިޔާއަށް ބޮޑަށް ބުރަވެވޭ ރައުޔުގެ މަތީ ތިމާ ހުންނަން ވާނީ އަދި އެރައުޔުގެ މައްޗަށް ބިނާކޮށް އެހެން މީހުންނަށް އަންގައިދޭން ވެސް ވާނީ އެހެން ރައުޔުތައް ހުރިކަން ގަބޫލުކުރާ ހާލުގަ އެވެ. އަދި އެ ރައުޔުތަކަށް ތިމާގެ ނަޒަރުގައި ބޮޑަށް ބުރަނުވެވުނަސް އެއީ ވެސް ހަމަ ސައްހަވެދާނެ ރައުޔުތަކެއް ކަމަށް އިޢުތިރާފުވާ ހާލުގަ އެވެ.
މިސާލަކަށް މިއަދު ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮރޯނާގެ ވަބާއާ އެކު ބަލި ފެތުރުމުން ރައްކާތެރިވުމަށްޓަކައި ޖަމާޢަތުގެ ނަމާދު ކޮށްލުން ހުއްދަ ކަމަށް ދީނުން ސައްހަ އަދި ސަރީހަ ދަލީލު ލިބެން އެބަހުއްޓެވެ. އެހެންވެ މި ޟަރޫރަތަށްޓަކައި (ޟަރޫރަތު ނިޔާކުރަނީ ހަމައެކަނި އެގޮތް ކަމަށް ވާނަމަ) ޖަމާޢަތް ދޫކޮށްލުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. މިއާ ޚިލާފަށް ޖަމާޢަތް ދޫނުކޮށްލައި އެހެން ބަދަލަކާ އެކު ނަމާދު ކުރުމަށް ޟަރޫރަތު ތަންދޭ ނަމަ، ސައްހަ އަދި ސަރީހަ ދަލީލެއް ލިބެން ނެތަސް ފިޤުހީ އުޞޫލުތަކުގެ ދަށުން އިޖުތިހާދުކޮށްގެން އެ ޟަރޫރަތުގެ މިންވަރަށް ފެތޭ ފަދަ އެހެން ގޮތެއް އިޚްތިޔާރު ކުރެވޭނެ އެތައް ބައިވަރު އަސާސްތަކެއް ދީނުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޟަރޫރަތެއް ނުވަތަ ބޭނުމެއް ފުއްދުމާއި، ޟަރޫރަތެއް ނުވަތަ ބޭނުމެއް އޮންނަ މިންވަރަކުން ދޫދީ ނުވަތަ ހިފެހެއްޓުމާއި، ޤިޔާސް ކުރުމުގައި އައުލާކަން ބޮޑު ޤިޔާސަށް ރުޖޫޢަވުމާއި، މަޞްލަޙަތަށް ރިޢާޔަތް ކުރުމާއި، ދޫކޮށްލާ ނުވަތަ އަރައިގަންނަ ކަމުގެ ހުކުމުގެ ދަރަޖައިގައި ހުންނަ ތަފާތަށް ބެލުން ފަދަ އެތައް އުޞޫލުތަކެއް ހިމެނެ އެވެ.
މިދެންނެވި އުޞޫލުތަކުގެ އަލީގައި، ޖަމާޢަތް ދޫނުކޮށްލައި އެއަށް ވުރެ ދަރަޖައިގެ ގޮތުން (ހުރިހާ ޢިލްމުވެރިން މިކަމަށް އަދި އެއްބަސް ނުވިއަސް) ދަށު ދަރަޖައެއްގައިވާ ކަމެއް ދޫކޮށްލައިގެން ޖަމާޢަތް ދެމެހެއްޓެން އޮތުމާ އެކު މިޒަމާނުގެ ވަރަށް ގިނަ ފިޤުހު ޢިލްމުވެރިންނާއި ފިޤުހީ އެކިއެކި އެކަޑަމީތަކާއި ޖަމްޢިއްޔާތަކާއި ފަތުވާ ކޮމެޓީތަކާއި ޤައުމުތަކުގެ ފަތުވާ އިދާރާތަކުން ފަތުވާ ނެރެފައި ވަނީ ގައިދުރުކޮށްގެން ނަމާދުކުރުން ހުއްދަވާނެ ކަމަށެވެ. މިއާ އިދިކޮޅަށް ވެސް ހަމަ މި ޒަމާނުގެ ބައެއް ޢިލްމުވެރިންނާއި އެކަޑެމީ ތަކުން ފަތުވާ ނެރެފައި ހުރިކަން އިންކާރެއް ނުކުރަމެވެ. އަދި އެ ފަތުވާތަކަކީ ފަހަރެއްގައި މިކަމުގައި އެންމެ ހައްގު ފަތުވާތައް ކަމުގައި ވުމުގެ ފުރުސަތު އޮތް ފަތުވާތަކަކަށް ވެސް ވެދާނެ އެވެ. ނަމަވެސް މި ތަފާތު އޮތުމުން ދޭހަވަނީ މިކަމުގައި އެއްވެސް ކޮޅަކަށް ސައްހަ އަދި ސަރީހަ ދަލީލެއް ނެތް ކަމެވެ. ވީމާ މިތަނުން ކޮންމެ ރައުޔަކަށް ތަބާވި ކަމުގައި ވިއަސް އެއީ ދީނާ ޚިލާފު ވުމެއް ކަމުގައެއް ނުވާނެ އެވެ. ލަފުޒީ މާނައިގައި މެނުވީ ބިދުޢައެއް ކަމުގައެއް ވެސް ނުވާނެ އެވެ. އަދި މިއީ ދީނާ ޚިލާފުވުން ކަމުގައި ފަތުވާ ދޭނަމަ އެ ފަތުވާ ދެވެނީ ހައްގާއި އިންސާފުން ބޭރަށެވެ.
އަދިކިއެއްތަ، މީގެ ސަބަބުން ހަރުކަށި ފިކުރުތަކަށް ޖާގަ ލިބިގެން ދެ އެވެ. ހައްދުފަހަނައެޅުމާއި ހަރުކަށި ފިކުރުތަކުގެ މީހަކަށް ވުމުގެ ޢަލާމާތްތަކުގެ ގޮތުގައި ޢިލްމީ ދަލީލުތަކުގެ އަލީގައި ޑރ. ޔޫސުފުލް ޤަރްޟާވީ ބަޔާންކުރައްވާފައިވާ އެއް ޢަލާމާތަކީ ސައްހަ ސަރީހަ ދަލީލުތަކުގެ މައްޗަށް ބިނާވެފައި ނުވާ އިޚްތިލާފީ މައްސަލަތަކުގައި ވަކި ރައުޔެއް އެކަނި އެއީ ދީން ކަމަށް ބަލައި އެހެން ހުރިހާ ރައުޔުތައް އެއީ ދީނާ ޚިލާފު ރައުޔުތަކެއް ކަމަށް ބެލުމެވެ. އެހެންކަމުން މިފަދަ މީހަކު އެދަނީ އިސްލާމީ ވަސަޠިއްޔަތުން ބޭރަށެވެ. ނަތީޖާ އަކަށް ވެގެންދަނީ މީޒާންތައް ހަމަހަމަ ނުވުމެވެ. ހަގީގަތްތައް އޮޅެން މެދުވެރިވުމެވެ. އިންސާފު ގެއްލިގެން ދިއުމެވެ. އެކަމަކު ﷲ އަންގަވަނީ މި އިސްލާމީ އުންމަތަކީ ވަސަޠިއްޔަތުގެ އުންމަތް ކަމަށެވެ. (އަލްބަޤަރާ 143). އަދި އެކަލާނގެ އަންގަވަނީ މީޒާނުގައި އަނިޔާވެރި ނުވުމަށެވެ. އަދުލު އިންސާފުގެ މަތީ އެއްވެސް ފަރާތަކަށް ގެއްލުމެއް ނުދީ އެ މީޒާނުން ވަޒަން ކުރުމަށެވެ. (އައްރަޙްމާން 8-9).
ފަހު ކަމެއްގެ ގޮތުގައި ހަނދާން ކޮށްލަން ޖެހެނީ، މިފަދަ އިޚްތިލާފީ މައްސަލައެއްގައި ޙާކިމު (ވެރިޔާ ނުވަތަ ވެރިޔާ އިޒުނަދީފައިވާ ފަރާތަކުން) ވަކި ރައުޔެއް އިޚްތިޔާރު ކޮށްފިނަމަ އެކަމުގައި އިޚްތިލާފު އުވި އެ ޙާމިކެއްގެ ވެރިކަމުގެ ދަށުގައި ތިބޭ އެންމެން އެ ރައުޔަކަށް ތަބާވުން ލާޒިމުވާނެ ކަމަށް ޢިލްމުވެރިން އެއްބަސްވެލައްވާކަމެވެ.