އަދާލަތުގެ އިސް މަގާމުތަކުގެ ދައުރު ދަންމާލި މައްސަލަ ބޭރުކޮށްލައިފި
އަދާލަތުގެ އިސް މަގާމުތަކުގެ ދައުރު ދަންމާލި މައްސަލަ ބޭރުކޮށްލައިފި

އަދާލަތު ޕާޓީގެ އިސް މަގާމުތަކުގެ ދައުރު އިތުރުކުރީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އަދި އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގާނޫނީ ހައިސިއްޔަތެއް ނެތި އެ މަގާމުތަކުގައި ތިބި ބޭފުޅުންތަކެއް ކަމަށް ކަނޑައަޅަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސަކަށް ކުރިން ހުންނެވި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މަގާމުގެ ދައުރު އޮގަސްޓް، 2016 ގައި ވަނީ ހަމަވެފަ އެވެ. އެކަމަކު އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުން ގައުމީ މަޖިލިސް ބޭއްވެންދެން އިމްރާނާއި އަލީ ޒާހިރުގެ މަގާމު ދެމިގެންދާ ގޮތަށް އޭރު ހަމަޖެއްސި އެވެ.

އެ މައްސަލާގައި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓުގައި ދައުވާކުރީ ޕާޓީގެ އިސް މަގާމުތަކުގެ ދައުރު ހަމަވި ފަހުން މަގާމުގެ ދައުރުގެ މުއްދަތު އިތުރުކުރީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުންތައް ބާތިލް ކުރުމާ އެކު އެ ޕާޓީގެ އިލްމުވެރިންގެ މަޖިލިސް ފިޔަވައި އެހެން އިސް މަގާމުތަކުގައި ތިބި ބޭފުޅުންގެ މަގާމުގެ ހައިސިއްޔަތެއް ނެތް ކަމަށް ކަނޑައެޅުމަށެވެ. އަދި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބެލުމުގެ ދަށުން ގައުމީ ޖަލްސާއެއް ބޭއްވުމަށް އަމުރުކޮށް ދިނުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ޕާޓީތަކުގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، ފާސްކުރަން ޖެހޭއިރު އަދާލަތު ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަން އެނގޭ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅީ އަދާލަތު ޕާޓީގެ އެތެރޭގައި އޮންނަ ޝަކުވާ ބެލުމުގެ އިިޖްރައާތު ފުރިހަމަ ކުރުމެއް ނެތި ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ޕާޓީތަކަށް މީހުން ވަންނަނީ އެ ޕާޓީއެއްގެ އުސޫލުތަކަށް ތަބާވާން އެއްބަސްވެގެން ކަމަށްވާތީ ޕާޓީގެ އެތެރޭގައި ހުންނަ ޝަކުވާ ބެލުމުގެ ނިޒާމުތައް ފުރިހަމަ ނުކޮށް ކޯޓުތަކަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ އިޖްރައާތު ފުރިހަމަ ނުކުރަނީސް، އެ މައްސަލަ ހުށަހެޅުނު ގޮތަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ގާޒީ ހާފިޒާ އަބްދުއްސައްތާރު އިއްވެވި އެ ހުކުމުގައިވެ އެވެ.

ސިވިލް ކޯޓުން އިއްޔެ އެގޮތަށް ހުކުމް ކުރިއިރު، އެ ޕާޓީގެ ގައުމީ މަޖިލިސް ވަނީ ބާއްވައިފަ އެވެ.