ޖުލައި 4: އެމެރިކާ ކޮވިޑުން "މިނިވަންވާނެ" ދުވަސް
ޖުލައި 4: އެމެރިކާ ކޮވިޑުން "މިނިވަންވާނެ" ދުވަސް

ވޮޝިންޓަން (މާޗް 12) - ރައްޔިތުން ވެކްސިން ޖަހައިފި ނަމަ ޖުލައި 4 ވަނަ ދުވަސް "ކޮވިޑުން މިނިވަންވެފައިވާ" ދުވަހެއްގެ ގޮތުގައި އެމެރިކާ އިން ފާހަގަ ކުރުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ޖުލައި 4: އެމެރިކާ ކޮވިޑުން "މިނިވަންވާނެ" ދުވަސް
ޖުލައި 4: އެމެރިކާ ކޮވިޑުން "މިނިވަންވާނެ" ދުވަސް

ކޮންމެ އަހަރެއްގެ ވެސް ޖުލައި 4 އެމެރިކާގައި ފާހަގަ ކުރަނީ މިނިވަން ދުވަހުގެ ގޮތުގަ އެވެ.

ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަހުން ޕްރައިމްޓައިމްގައި ދެއްވި ފުރަތަމަ ތަގްރީރުގައި ބައިޑަން ވިދާޅުވީ ހުރިހާ ސްޓޭޓެއްގެ ވެސް ބޮޑެތި މީހުން މެއި މަހުގެ 1 ވަނަ ދުވަހުގެ ކުރިން ވެކްސިން ޖެހުމަށް އަންގަވާނެ ކަމަށެވެ. މިހާރު ވެކްސިން ޖަހަނީ ވަކި އުމުރެއްގެ މީހުންނާއި ސިއްހީ މައްސަލަތައް ހުންނަ މީހުންނަށެވެ.

ބައިޑަން މި ބަޔާން ދެއްވާފައި ވަނީ ކޮވިޑަކީ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާންކުރިތާ އެއް އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ.

ކޮވިޑްގައި އެމެރިކާ އިން ވަނީ 543,721 މީހުން މަރުވެފަ އެވެ. މިއީ ފުރަތަމަ ބޮޑު ހަނގުރާމަ އާއި ވިއެޓްނާމް ހަނގުރާމައިގައި މަރުވި އެމެރިކާ މީހުންނަށް ވުރެ އިތުރު އަދަދެކެވެ. އެ ގައުމުން ވަނީ 29.9 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ މި ދުވަސްވަރު އެމެރިކާ އިން ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ކެންސަލްކޮށްފަ އެވެ. އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔޫރަޕުން އެމެރިކާ އަށް މީހުން ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ.

ބައިޑަންގެ ތަގްރީރުގައި ވިދާޅުވީ އެކަކު އަނެކަކާ އާދައިގެ މަތިން ބައްދަލުވެ އުޅެވޭނެ ދުވަހެއް ކަލަންޑަރުން ފާހަގަ ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށްފި ނަމަ ޖުލައި 4 ގައި އާއިލާތަކާއި ރައްޓެހިން ބައްދަލުވެ އުޅެވޭނެ. އަދި މިނިވަން ދުވަސް އުފާވެރިކޮށް ފާހަގަ ކުރެވޭނެ،" އެމެރިކާގެ މިނިވަން ދުވަހަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ޖުލައި 4 ގައި އެމެރިކާ އިން ފާހަގަ ކުރާނީ ގައުމުގެ މިނިވަން ދުވަސް އެކަނި ނޫން ކަމަށާއި "ވައިރަހުން މިނިވަންވި ދުވަހުގެ ގޮތުގައި" ވެސް އެ ދުވަސް ފާހަގަ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން އެމެރިކާގައި ވެކްސިން ސެންޓަރުތައް ވެސް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. ބައިޑަން ވަނީ ވެރިކަމުގެ 100 ދުވަހު 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ކަނޑައަޅުއްވައިފަ އެވެ. ބައިޑަން ވިދާޅުވީ ވެރިކަމަށް 60 ދުވަސް ފުރޭ ދުވަހު އެ އަމާޒު ހާސިލްވާނެ ކަމަށެވެ.

އުއްމީދީ ވާހަކަތަކެއް ބައިޑަން ދެއްކެވި ނަމަވެސް، ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދޫނުދިނުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.