މިއަދު އެކަނިވެސް ކޮވިޑު ވެކްސިން ޖެހި މީހުންގެ އަދަދު ރިކޯޑު އަދަދަކަށް މައްޗަށް
މިއަދު އެކަނިވެސް ކޮވިޑު ވެކްސިން ޖެހި މީހުންގެ އަދަދު ރިކޯޑު އަދަދަކަށް މައްޗަށް

ކޮވިޑު-19 އިން ރައްކާތެރިވުމަށް މިއަދު ރެކޯޑު އަދަދަކަށް ވެކްސިން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުން އެކަނި ވެސް 6،000 އަށް ވުރެ ގިނަ މީހުން މިއަދު ވެކްސިން ޖަހާފައިވާ ކަމަށެވެ. ރަށްރަށުގައި ގާއިމު ކޮށްފައިވާ 169 ސެންޓަރަކުން ވެކްސިން ޖެހި 5،459 މީހުންނާއެކު މުޅި ޖުމްލަ 11،474 މީހަކު މިއަދު ވެކްސިން ޖަހާފައި ވެ އެވެ.

ވެކްސިން ޖެހި މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވީ، ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން އަންނަ ހޯމަ ދުވަހަށް ފަހު ހުއްޓާލާނެ ކަމަށް އިއުލާނު ކުރުމުންނެވެ. އާންމުކޮށް ހަފުތާ ބަންދާ ދިމާކޮށް، ކޮވިޑު ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ނަމަވެސް މިއަދު ރެކޯޑު އަދަދަކަށް މައްޗަށް މިދިޔައީ ކޮވިޑުގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ ޑެޑްލައިނަކީ ހޯމަ ދުވަސް ކަމަށް ނިންމުމުންނެވެ.

ވެކްސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވެ އެވެ.

މާލޭގައި ކޮވިޑު ވެކްސިން ޖަހާ މަރުކަޒުތަކަށް މިއަދު އާދަޔާ ޚިލާފަށް ބާރު ބޮޑުވެ، ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތަށް ވުރެ އަވަހަށް ނިންމައިލަން ވެސް ޖެހުނެވެ. ހެނދުނު 10 ޖަހާކަންހާއިރު ދިޔަ ބައެއް މީހުންނަށް ވެސް ވެކްސިން ޖެހޭވަރުވީ މެންދުރުވީ ފަހުންނެވެ.

ހަލުވިކަމާއެކު ބަލި ފެތުރެމުންދާ މާލެ ސަރަހައްދުން މިހާތަނަށް 105،836 މީހަކަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު އަދި ރަށްރަށުން 81،094 މީހަކަށް ފުރަތަމަ ޑޯޒު ދީފައި ވެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 35 ޕަސެންޓަށެވެ.

ރާއްޖޭގައި ބޭނުންކުރާ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހާނީ، ފުރަތަމަ ޑޯޒަށް ފަހު އަށް ހަފުތާ ފަހުންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންނަށް އަންނަ މަހުގެ ކުރީކޮޅު ދެ ވަނަ ޑޯޒު ދޭން ފަށާނެ އެވެ.