ސުނީގެ އުފަން ދުވަހުގެ ހަދިޔާ ކަމުދިޔަތަ؟
ސުނީގެ އުފަން ދުވަހުގެ ހަދިޔާ ކަމުދިޔަތަ؟

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ރާއްޖޭގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ (ސުނީ) އޭނާގެ 37 ވަނަ އުފަން ދުވަހާ ގުޅުވައިގެން ފޭނުންނަށް ދިން ހަދިޔާ ކަމުދިޔަ ހެއްޔެވެ؟

ސުނީގެ އުފަން ދުވަހުގެ ހަދިޔާ ކަމުދިޔަތަ؟
ސުނީގެ އުފަން ދުވަހުގެ ހަދިޔާ ކަމުދިޔަތަ؟

ސަޕޯޓަރުންނަށް ދިން ހަދިޔާގެ އަވާގައި ބައެއް ފޭނުން ޖެހިފައި ތިބޭތާ މިއަދަށް މިވީ ހަފުތާއެކެވެ، މިދިޔަ ހަފުތާގެ ހޮނިހިރު ވިލޭރޭ ސުނީ ބެލުންތެރިންނަށް ދޫކޮށްލި އާ ވީޑިއޯ ލަވަ "ސުނީތާ އޯ މައި ޑާލިން" އަށް ޔޫޓިއުބްގައި މިހާތަނަށް މި ވަނީ 29،000 އަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

މިދިޔަ އަހަރު ސުނީގެ އުފަން ދުވަހާ ދިމާކޮށް ޕްރިޔަންކާ އަށް ދިން ޓްރިބިއުޓް ލަވައަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިފައި ވަނީ 40،000 އެއްހާ ވިއުސް އެވެ. އެކަމަކު މި ފަހަރު އޭނާ ގެނެސްދިން ލަވައަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 29،000 ވިއުސް ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ.

އަދި ލަވައަށް ލިބެމުން އަންނަ ތަރުހީބު ސުނީ ވަނީ ފޭސްބުކްގައި ފާހަގަ ވެސް ކޮށްފަ އެވެ.

އެއިން ދައްކުވައި ދިނީ ލަވަ ގިނަ ބަޔަކު ބެލި ކަމެވެ. އަނެއްކޮޅުން މި ލަވަ އާ ގުޅޭ ގޮތުން ބެލުންތެރިން ވަނީ އެކި ގޮތްގޮތަށް ކޮމެންޓް ވެސް ކޮށްފަ އެވެ. އެއް ބަޔަކަށް ލަވަ ކަމުދިޔަ އިރު، އަނެއް ބަޔަކު ބުނަނީ މި ފަހަރު ވެސް ސުނީ ހާވާފައި އޮތީ ހަމަ ހަޑިއެއް ކަމަށެވެ.

ސުނީގެ އެހެން ލަވަތަކާ މި ފަހަރުގެ ލަވަ ތަފާތުވި އެންމެ ބޮޑު ސަބަބަކީ ސީދާ އޭނާގެ އަޑުން "ސުނީތާ އޯ މައި ޑާލިން" އޭ ކިޔާފައި ބަޑިތައް ލައްވާތީ އެވެ.

ލަވަ އާ ބެހޭ ގޮތުން ކިއުންތެރިއަކު ކުރި ކޮމެންޓެއްގައި ބުނީ އުންމީދު ކުރި ވަރަށް ވުރެ ލަވަ ރަނގަޅު ކަމަށެވެ.

"އަހަރެން ހީކުރީ އޮރިޖިނަލް ލަވައަކަށް ވާނެ ކަމެއް. އެކަމަކު އެހެނެއް ނޫން މި ފަހަރު ވެސް ކޮޕީއެއް. ވަޓް އަ ޝޭމް،" ބެލުންތެރިއަކު ކޮމެންޓެއްގައިވެ އެވެ.

ސުނީ ބުނި ގޮތުގައި ލަވަ އާ ބެހޭ ގޮތުން އެކި މީހުން އެކި ގޮތަށް ކޮމެންޓް ކުރާނެކަން އޭނާ އަށް އެނގެ އެވެ. އެހެންވެ ބިނާކުރަނިވި ހިޔާލުތައް އޭނާ ބަލައި ގަންނާނެ އެވެ.

ލަވަ ބެލި ހުރިހާ ފަރާތްތަކަށް ސުނީ ބުނެލަން އޮތީ "ޝުކުރިއްޔާ" އެވެ.

އޭނާ ބުނީ "ސުނީތާ އޯ މައި ޑާލިން" އަކީ "ހިތް ދީވާނާ 7" ވީސީޑީގެ ފުރަތަމަ ލަވަ ކަމަށެވެ. އެހެންވެ އަދި ކުރިއަށް ލަވަތައް ހުރީ އެވެ.

ސުނީ ބުނީ އުންމީދަކީ އަހަރު ނިމުމުގެ ކުރިން ވީސީޑީ ނެރުމެވެ. އިންތިޒާރުކޮށްލާށެވެ.