11 މާޗް 2021 - 21:50

ބާސެލޯނާ (މާޗް 11) - ބާސެލޯނާގައި ލިއޮނަލް މެސީ މަޑުކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
މި ސީޒަނަށް ފަހު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. މެސީ އެ ކްލަބާ އެކު 2017 ވަނަ އަހަރު ހަދާފައިވާ ކޮންޓްރެކްޓް ދާދި ފަހުން މީޑިއާގައި ލީކްކޮށްލުމާ އެކު އޭނާ ދެން އެ ޓީމާ އެކު އާ އެއްބަސްވުމެއް ނަހަދާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބާސެލޯނާގެ އިންތިހާބު ކާމިޔާބުކޮށް ޖޮއާން ލަޕޯޓާ ރައީސްކަމަށް އިންތިހާބުވުމުން މެސީ އެ ކްލަބްގައި މަޑުކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ބާސެލޯނާގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ އަތުން ބާސެލޯނާ ކެޓި މެޗަށް ފަހު ކޫމަން ބުނީ މެސީގެ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމާއިރު ކްލަބް މިހާރު ބަދަލުވަމުން އަންނަ ގޮތާ މެދު އޭނާ ވިސްނާނެ ކަމަށެވެ.
"އަހަރެމެން ކްލަބަށް މި ގެންނަ ބަދަލުތަކާ އެކީ މެސީ އަށް ވެސް ފެނޭ ޓީމު މިދާ މިސްރާބު ރަނގަޅުކަން. އަހަރެން ދެކޭ ގޮތުގައި މެސީ ކްލަބްގައި މަޑުކުރުމުގެ ފުރުސަތު ބޮޑު. އަހަރެމެންގެ މި ތިބި ޒުވާން ކުޅުންތެރިން މެސީއާ އެއް ޓީމެއްގައި ގިނަ މެޗުތަކެއް ކުޅެފިނަމަ ވަރަށް ބޮޑަށް ކުރިއަށްދާނެ. އެއީ މެސީ ވެސް ގަބޫލުކުރާނެ ކަމެއް،" ކޫމަން ބުންޏެވެ.
ކޫމަން ބުނީ މިދިޔަ ސީޒަނަށް ފަހު މެސީ ކްލަބް ދޫކޮށްލަން ބޭނުންވި އެއް ސަބަބަކީ ޗެމްޕިއަންސް ލީގުން ޓީމު ކަޓައިގެން ދިޔަ ގޮތުން ކަމަށާއި މި ފަހަރުގެ މުބާރާތުން ބާސެލޯނާ ކެޓި ނަމަވެސް ޕޮޒިޓިވް ކަންތައްތަކެއް ފެނުނު ކަމަށެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓީ ސެންޓަރަލައިޒްކޮށް ކުޅުނު ކުއާޓާ ފައިނަލް މެޗުން ބަޔާން މިއުނިކް އަތުން 8-2 އިން ބަލިވެގެންނެވެ. މި ފަހަރުގެ ދެ ވަނަ ބުރުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ބާސެލޯނާ ދަނޑުގައި ޕީއެސްޖީ ފުރަތަމަ ލެގުގައި މޮޅުވީ 4-1 އިންނެވެ. ޕީއެސްޖީ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި ސީޒަނަކީ ފާއިތުވި 14 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ނުލިބި ބާސެލޯނާ ކެޓި ފުރަތަމަ ފަހަރެވެ.