ކޮވިޑް ވެކްސިންގެ ކޯލްޑް ޗެއިނަށް ޖަޕާނުން ރާއްޖެއަށް 15 މިލިއަން ރުފިޔާ
ކޮވިޑް ވެކްސިންގެ ކޯލްޑް ޗެއިނަށް ޖަޕާނުން ރާއްޖެއަށް 15 މިލިއަން ރުފިޔާ

ކޮވިޑް ވެކްސިން ރައްކާކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ބޭނުންވާ ކޯލްޑް ޗެއިންގެ ކެޕޭސިޓީ އިތުރުކުރަން ޖަޕާނުން ރާއްޖެއަށް 1 މިލިއަން ޑޮލަރު (15 މިލިއަން ޑޮލަރު) ގެ އެހީއެއް ދީފި އެވެ.

ރާއްޖެއަކީ ޖަފާނުން ވެކްސިންގެ ކޯލްޑް ޗެއިން ކެޕޭސިޓީ އިތުރުކުރަން އެހީ ދޭ 25 ގައުމުގެ ތެރެއިން އެއް ގައުމެވެ. ޔުނިސެފް މެދުވެރިކޮށް ޖަޕާނު ސަރުކާރުން މި ދިން އާ ކޯލްޑް ޗެއިން ފެސިލިޓީއާ އެކު ކޮވިޑް ވެކްސިން ރައްކާކުރަން އެހީތެރިކަން ލިބޭނެ އެވެ.

އދ.ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބޭ ވެކްސިންގެ ތެރޭގައި ހިމެނޭ ފައިޒާ ފަދަ ބައެއް ވެކްސިންތަކަކީ ވަރަށް ގަދަ ފިނީގައި ގެންގުޅެންޖެހޭ، އުފުލައި ގެންގުޅުމާއި ރައްކާކުރުމުގައި ވެސް އުނދަގޫ އެއްޗިއްސެވެ. އެހެންވެ މިކަމަށް ބޭނުންވާ ވަސީލަތްތައް މި ވަގުތަށް ވަނީ ހުރިހާ ގައުމަކަށް ވެސް ވަރަށް މުހިންމުވެފަ އެވެ.

ޖަޕާނުން ދިން އެހީގައި ކޯލްޑް ޗެއިން އިކުއިޕްމެންޓާއި ވޯކް އިން ފްރީޒާ އާއި ޑްރައި އައިސް ތައްޔާރުކުރާ މެޝިންގެ އިތުރުން ކޯލްޑް ޗެއިން އިންސްޓޯލް ކުރުމުގައި ވެސް ޖަޕާނުން ދިން މާލީ އެހީގެ ބޭނުން ކުރާނެ އެވެ.

ކޮވިޑްގައިކުރިމަތިވި އުނދަގޫތަކުން އަރައިގަތުމަށް މީގެ ކުރިން ވެސް ޖަޕާނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ސިއްހީ ދާއިރާއަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ތަކެތި ގަތުމަށް 5.6 މިލިއަން ޑޮލަރާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 1.4 މިލިއަން ޑޮލަރާއި އިތުރު ގޮތްގޮތުން އެހީވުމަށް 350،000 ޑޮލަރު ސަރުކާރަށްދީފައިވެ އެވެ.