11 މާޗް 2021 - 13:21

އައްޑޫ މީދު އާއި ހުޅުދޫގެ މަޝްރޫއުތައް އެމްޓީސީސީން އަލުން ފަށައިފި އެވެ.
އެ ދެ ރަށުގައި ހިންގި މަޝްރޫއުތައް މެދުކަނޑާލީ އެ ސައިޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.
މީދޫގައި އެމްޓީސީސީން ކުރިއަށްގެންދާ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށާފައިވަނީ އިއްޔެ އެވެ. މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 35.4 މިލިއަން ރުފިޔާ އަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު މި މަހުގެ 25އަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުދޫގައި ފެށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ މަގަތު ފާލަން ހެދުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ތާވަލު ކޮށްފަ އެވެ. އަދި ހުޅުދޫ ބަހާއުއްދީން މަގު އަންނަ މަހު ނިންމާލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މީދޫ އާއި ހުޅުދޫގެ އިތުރުން އައްޑު ސިޓީ ހުޅުމީދޫގައި ވެސް އެމްޓީސީސީން މިއަހަރު ތެރޭގައި ޕްރޮޖެކްޓުތަކެއް ފަށާނެ އެވެ. އެގޮތުން، އެ ސިޓީގެ ފިޝަރީޒް ކޮމްޕްލެކްސްއަށް މުދާ އަރުވައި ބޭލުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހި ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާ އެވެ. މި ބަނދަރުގެ މަސައްކަތް މި މަހު ފަށާނެ އެވެ.
އެމްޓީސީސީން ބުނިގޮތުގައި މިހާރުވެސް އެ ކުންފުނިން އަންނަނީ 47 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ.