އޯޑިއޯ ކެސެޓް ޓޭޕް އުފެއްދި މީހާ މަރުވެއްޖެ
އޯޑިއޯ ކެސެޓް ޓޭޕް އުފެއްދި މީހާ މަރުވެއްޖެ

އެއް ދުވަސްވަރެއްގައި ގިނަ ބައެއްގެ ދިރިއުޅުމުގެ ވަރަށް ހާއްސަ އެއްޗަކަށްވި އޯޑިއޯ ކެސެޓް ޓޭޕް އުފެއްދި މީހާ މަރުވެއްޖެ އެވެ

މީޑިއާތަކުން ބުނީ ނެދަލެންޑްސްގެ ލައު އޯޓެންސް، 94، މަރުވީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ކަމަށެވެ. އޭނާ މަރުވި ވާހަކަ އާއިލާ އިން ހާމަކުރި ނަމަވެސް މަރާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އިންޖިނިއަރިން ދާއިރާ އިން ތައުލީމު ހާސިލުކުރި އޯޓެންސް ކެސެޓް ޓޭޕް އީޖާދުކުރީ 1963 ގަ އެވެ. އެ މަސައްކަތް އޭނާ ކުރީ 1952 ގައި މަޝްހޫރު ކުންފުނި ކުންފުނި ޕިލިޕްސްއާ ގުޅުމަށް ފަހު އެވެ. އެ ކުންފުންޏާ ގުޅުނުތާ އަށް އަހަރު ފަހުން އޯޓެންސަށް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމު ވެސް ލިބުނެވެ. އަދި އޭގެ އަހަރެއް ފަހުން އޯޓެންސް އާއި އޭނާގެ ޓީމުން ފުރަތަމަ ޕޯޓަބަލް ޓޭޕް ރެކޯޑަރު ވެސް އުފެއްދި އެވެ.

ލަވަ ޖެހުން ފަދަ ކަންކަމަށް ކުރިން މައިގަނޑު ވަސީލަތެއްގެ ގޮތުގައި ބޭނުންކުރި ކެސެޓަކީ މިހާރު ސްމާޓް ޑިވައިސްތަކާ އެކު ބޭކާރު އެއްޗަކަށް ވިޔަސް، 20 ވަނަ ގަރުނުގެ ތެރޭގައި ކެސެޓް ޓޭޕަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ހާއްސަ ހަނދާނެކެވެ. މިހާރު އެފަދަ ޓޭޕްތައް ރައްކާކޮށްގެން އުޅޭ މީހުން ވަރަށް ގިނަ އެވެ. ކެސެޓް ޓޭޕް ނެރުރު ފަހުން 100 ބިލިއަނަށް ވުރެ ގިނަ ކެސެޓް ވިކިފައިވެ އެވެ.

ފަހުން 1979 ގައި ސީޑީ ވުޖޫދަށް އައި އިރު އެ މަސައްކަތުގައި ވެސް އޯޓެންސްގެ ހިއްސާގެ ވަރަށް ބޮޑެވެ. ސީޑީ ވެސް މާޒީވެގެން ދިޔަ އިރު އޭގެ 200 ބިލިއަން އެތި ވިކިފައިވެ އެވެ.