11 މާޗް 2021 - 11:42

ރާއްޖޭގެ ޓޫރިޒަމް ފުޅާވެފައިވާ އިރު ދާއިރާގައި ދިވެހިންނަށް ހުރި ފުރުސަތުތައް ވަރަށް މަދު ކަމަށް މިހާރުގެ ހެލްތު މިނިސްޓަރު އަދި ޓޫރިޒަމް ދާއިރާ ފެއްޓެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަކުރުމުގައި ބޭނުންކުރާނެ "ގޯލްޑަން ޖުބްލީ" ލޯގޯ ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަސީމު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ފުޅާވެ އެތައް ބައިވަރު ބޭރުގެ އިންވެސްޓަރުން ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ. އަދި މި ދާއިރާ އަށް ދިވެހިން އިންވެސްޓް ކުރެވޭ ވަރަށް ވުރެ ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރުން އަގުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމް ދާއިރާ ފެއްޓުނީ ވަރަށް ކުޑަކުޑަކޮށް. އެކަމަކު މިހާރު މިއީ އެހާ ކުޑަ ކަމެއް ނޫން. މިއީ ވަރަށް ވިސްނުން ތެރިކަމާ އެކު ބަޔަކު ކުރި މަސައްކަތުގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ ދާއިރާ ކުރިއަރައިގެން ދިޔައީ ފާއިތުވެދިޔަ ސަރުކާރުތަކުން ވިޔަފާރިތަކަށް ނުފޫޒު ނުފޯރުވައި، މިނިވަންކަމާ އެކު ވިޔަފާރިވެރިންނަށް މި ދާއިރާއިން ފުރުސަތު ދިނުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމްގެ ހިއްސާ ދިވެހިންނަށް ލިބޭނެ މަގެއް ހޯދުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންގެ ގާބިލްކަން މިއަދު ހުރީ ގެސްޓްހައުސް ވިޔަފާރި ކުރުމަށް އެކަނި ކަމަށެވެ.
"އެހެންވެ ޓޫރިޒަމްގެ ސެކަންޑްރީ ބަޔަކަށް ދިވެހިން ވެގެން ނުވާނެ. ދިވެހިން ވާންޖެހޭނީ ޓޫރިޒަމްގެ އެންމެ ކުރީ ސަފުގައި ތިބޭ ބަޔަކަށް. އެ ފުރުސަތު ދިވެހިންނަށް ހޯއްދަވައިދެއްވުމަކީ މުުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ އެންމެ ލަގްޒަރީ ރިސޯޓުތައް ހިންގަނީ ބޭރުގެ އިންވެސްޓަރުން ކަމަށް ވާތީ ދާއިރާ އަށް 50 އަހަރުވެގެންދާ އިރު ދިވެހިންގެ އަތުން ދާއިރާ ގެއްލިގެންދާތައް ފެންނަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.