11 މާޗް 2021 - 10:47

ޓްރާންސްޕޯޓު މިނިސްޓްރީން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްކުރަން އެތަނުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދަން ރައީސް އޮފީހުން އެ މިނިސްޓްރީއާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި އޮތޯރިޓީގައި ޚިޔާނާތާއި ނުފޫޒުން ކަންކަން ކުރުވުމާއި ސިޔާސީ ހިޔާލުތަފާތުވުންތަކުން ތަން ހިންގުމަށް އޮތީ ދަތިވެފަ އެވެ. ނަތީޖާ އަކީ މި ސަރުކާރަށް ވެސް ދެ އަހަރާއި ބައި ވި އިރު ޚިދުމަތް ދިނުމުގައި އަދިވެސް އެންމެ ލަސް އަދި ޝަކުވާ ބޮޑު މިނިސްޓްރީތަކުގެ ތެރޭގައި އެތަން ހިމެނިފައި ވުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިނިސްޓަރު އައިޝަތު ނަހުލާ އަށް އިތުބާރު އެބައޮތް ކަަމަށެވެ. އެތަން ރަނގަޅުކުރަން ބުރަކޮށް ނަހުލާ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް ހިންގަން ދަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެތަނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުންނެވެ. ކޮންމެވެސް އެއް ތަނެއް އުވާލަން ޖެހެނީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ނިންމުމަކަށް ވީ ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމެވެ. ގާނޫނީ ބަދަލުތައް ގެންނަން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ރައީސް ވިދާޅުވީ ގާނޫނީ ފުށުއެރުންތަކުގެ ތުރުން ގަވާއިދާ ޚިލާފަށް ހިންގާ ކަންކަން ވެސް ހުރި ކަމަށާއި އޭގެތެރޭގައި އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ފޯޖު ޑޮކިއުމެންޓް ހުށަހަޅާފައި ވުން ހިމެނޭ ކަމަށެވެ. މި މައްސަލަތައް ޒިންމާދާރުކަމާ އެކު މިނިސްޓަރު ނަހުލާ ބައްލަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ފޯޖުކޮށްފައި އޮތް 18 ރަޖިސްޓްރީއެއްގެ މައްސަލަ ތަހުގީގުކުރަން މިހާރު ވަނީ ޕޮލިހަށް ފޮނުވައިފަ އެވެ.
ރައީސް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގައި ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުން އެބަތިބި ކަމަށެވެ. އެތަން އުވާލާނީ ނުވަތަ މަސައްކަތް ބައްޓަންކުރާނީ އެ މީހުންނަށް ދެރައެއް ނުލިބޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީގެ ވަކި ބަޔަކަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. ބައެއް މައްސަލަތައް އޭސީސީއަށް ހުށަހަޅައި އަންނަނީ ތަހުގީގު ކުރަމުންނެވެ.