ޓޫރިޒަމް ދާއިރާއިން ވަޒީފާ ގެއްލުނު އެންމެންނަށް މި އަހަރު ވަޒީފާ ލިބޭނެ: މައުސޫމް
ޓޫރިޒަމް ދާއިރާއިން ވަޒީފާ ގެއްލުނު އެންމެންނަށް މި އަހަރު ވަޒީފާ ލިބޭނެ: މައުސޫމް

ކޮވިޑާ ގުޅިިގެން ޓޫރިޒަމް ދާއިރާއިން ވަޒީފާ ގެއްލުނު މީހުންނަށް މި އަހަރުގެ މެދެއްހާ ހިސާބުގައި އަލުން އަނބުރާ ވަޒީފާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދައިރާގެ އިސްވެރިންނާ އެކު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުސޫމު ވިދާޅުވީ، މިދިޔަ އަހަރު ނޯޕޭ އަށް ދިޔަ މުވައްޒަފުންނާއި ވަޒީފާ ގެއްލުނު ގިނަ ބަޔަކަށް އަލުން އަނބުރާ ވަޒީފާ ލިބިފައިވާ ކަމަށެވެ. މި ވަގުތު ރާއްޖޭގެ ޓޫރިޒަމް ހިދުމަތް ދޭ 94 ޕަސެންޓް ފެސިލިޓީން ހިދުމަތް ދޭ ކަމަށާއި މި ވަގުތު ވަޒީފާ އަށް އަނބުރާ ނުގޮސްތިބި މީހުންނަށް ވެސް ވަރަށް އަވަހަށް ވަޒީފާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލުނެވެ. ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލިފަހުން މި ވަގުތު 670 ފެސިލިޓީއަކުން ޓޫރިސްޓުންނަށް އަންނަނީ ހިދުމަތް ދެމުންނެވެ.

މައުސޫމު ވިދާޅުވީ، ވަޒީފާ ގެއްލުނު މުވައްޒަފުންނާއި މިނިސްޓްރީން ކޮންޓެކްޓް ކުރަމުން އަންނަ އިރު މިކަމުގައި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ މިނިސްޓްރީން އެކްޓިވްކޮށް މަސައްކަތްތައް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ގޮތަށް ރިކަވަރީ އައީ. ވަރަށް ގިނަ ތަންތަނަަށް ދިވެހި މުވައްޒަފުން އަނބުރާ ނެރެފި،" އޭނާ ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ، މިވަގުތު ވަޒީފާތަކަށް ނުގޮސް ތިބި އެއް ސަރަހައްދަކީ އައްޑޫގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި އެ އަތޮޅުގައި ހިންގާ ކެނެރީފް އާއި ޝަންގްރިއްލާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ހިންގާ ކަމަށެވެ.

"އަޅުގަނޑުމެން އިންޑަސްޓްރީއާ ވަރަށް ގާތުން އެބަ މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އަހަރުގެ މެދަކާ ހަމަޔަށް އަންނަން ވާއިރަށް ހުރިހާ ބޭފުޅުންނާ ވަޒީފާގެ ރިކަވަރީ ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.