ސިޓީން ބޮޑު ލީޑެއް ނަގައި ހަމަޖެހިލައިފި
ސިޓީން ބޮޑު ލީޑެއް ނަގައި ހަމަޖެހިލައިފި

މެންޗެސްޓާ (މާޗް 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން 5-2 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި 14 ޕޮއިންޓަށް ލީޑުފުޅާކޮށް މަގާމުގައި ހަމަޖެހިލައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 29 މެޗުން 68 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 28 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ޔުނައިޓެޑް އަތުން ބަލިވެ ސިޓީން ޖެހިޖެހިގެން 21 މެޗުން މޮޅުވެގެން ހެދި ރެކޯޑާއި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުމެއް އައުމާ އެކު ރޭގެ މެޗަށް ސިޓީ ނުކުތީ އެ ބަލިން އަރައިގަނެ ރަނގަޅު މޮޅެއް ހޯދުމުގެ އަމާޒުގަ އެވެ.

ރޭގެ މެޗުގެ 15 ވަނަ މިނިޓްގަައި ސިޓީގެ އޮލެކްސަންޑަ ޒިންޗެންކޯ ނަގައިިދިން ހުރަހަކުން އެ ޓީމަށް ލީޑުނަގައިދިިނީ ކެވިން ޑިބްރޭނާ އެވެ. އޭގެ 10 މިނިޓް ފަހުން ޕެނަލްޓީ އަކުން ޖޭމްސް ވޯޑް-ޕްރައުސް ވަނީ ސައުތެމްޓަން އަށް އެއްވަރުކޮށްދީފަ އެވެ. މިއީ ސިޓީގެ އައިމެރިކް ލަޕޯޓް އޭރިއާތެރެއިން ސައުތެމްޓަންގެ ޔެނިކް ވެސްޓެގާޑަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި ސިޓީ އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ރިޔާދު މާރޭޒް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިލްކާއި ގުންޑޮގާން ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މާރޭޒް، މެޗުގެ 55 ވަނަ މިނިޓްގައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހިތާ މިނިޓެއްގެ ތެރޭގައި ޗޭ އެޑަމްސް ވަނީ ސައުތެމްޓަން އަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ.

މެޗުގައި ސިޓީން ޖެހި ފަހު ގޯލު ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ޑިބްރޭނާ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ރޭގެ މެޗުން މޮޅުވާން ސިޓީގެ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފްކޮށްފަ އެވެ. އާންމު ގޮތެއްގައި ގޯސް ނަތީޖާ އަކުން އަރައިގަންނަން ސިޓީގެ ފަރާތުން ފެންނަ ކުޅުމަށް ވުރެން ރޭގެ މެޗުގައި ފެނުނު ކުޅުން ރަނގަޅުކަމަށް ގާޑިއޯލާ ބުންޏެވެ.