10 މާޗް 2021 - 22:24

އައްޑޫގައި މި ވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 6 އަށް މަދުވެއްޖެ އެވެ.
އައްޑޫން މިހާތަނަށް 92 މީހަކަށް ބަލި ޖެހުނު ނަމަވެސް 86 މީހަކު ރަނގަޅުވެ، އަދަދު ހަޔަކަށް ތިރިވި އިރު އިއްޔެ އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅުނީ 14 ގަ އެވެ. ނަމަވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އީއޯސީ) އިން މިރޭ ބުނީ މިއަދު އަށް މީހަކު ބަލިން ރަނގަޅުވެފައިވާތީ މި ވަގުތު އެކްޓިވްސް ކޭސްތަކުގެ އަދަދަކީ ހައެއް ކަމަށެވެ.
އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުނީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެއާ އެކު ބަލި ފެތުރުނަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެހެންވެ މިހާތަނަށް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް ވެސް ފާހަގަވެފައެއް ނެތެވެ. މިކަން ދެނެގަތުމަށް ގިނަ އަދަދެއްގެ ރޭންޑަމް ސާމްޕަލް ވެސް ނަގާފައިވެ އެވެ.
އައްޑޫން ކޮވިޑްގެ 92 ކޭސްއެއް ފެނުނު އިރު އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާއިންނެވެ. އެ ކްލަސްޓާ އިން 35 މީހަކު ޕޮޒިޓިވްވި ނަމަވެސް ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު ގިނަ އެވެ.
ހިތަދޫން 22، ފޭދޫން 17، މީދޫން 14 އަދި މަރަދޫފޭދޫން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ނަމަވެސް އައްޑޫގެ އަވަށްތަކުގެ ތެރެއިން މަރަދު އާއި ހުޅުދޫން އެއްވެސް ކޭހެއް ފެނިފައެއް ނުވެ އެވެ.
އައްޑޫގައި ކޮވިޑް ފެތުރުން މިހާރު ކޮންޓްރޯލްވެފައިވާ އިރު، މި މަހުގެ 4 ގެ ފަހުން އާ އެއްވެސް ކޭހެއް ފެނިފައެެއް ނުވެ އެވެ. އަދި މި ވަގުތު ބަލިޖެހިގެން އެއްވެސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެއް ވެސް ނެތެވެ. އެކަމަކު ކުރިން ފަސް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ.